ޤައުމީ އެއަރލައިން މޯލްޑިވިއަންއިން އެތެރޭގެ އުދުހުމުގައި ބޭނުންކުރުމަށް އައު 3 ބޯޓު ގަތުމަށް އޭޓީއާރް ކުންފުންޏާއެކު ސޮއިކޮށްފިއެވެ.
ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަން ކުންފުނިން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް ގަތުމަށް ނިންމާފައިވަނީ އޭޓީއާރް 72-600 މަރުކާގެ ދެ ބޯޓާއި އޭޓީއާރް 42-600 މަރުކާގެ ބޯޓެކެވެ.
މި 3 ބޯޓު ގަތުމުގެ ހުރިހާ ކަމެއް މިހާރު ނިމިފައިވާއިރު މިއީ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ބޯޓުތަކެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. އެގޮތުން މިއީ ތެލުގެ ޙަރަދު ކުޑަ އަދި ދެމެހެއްޓެނިވި އެވިއޭޝަން ފިއުލް ބޭނުންކުރާ ބޯޓުތަކެއް ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މި ބޯޓުތަކަކީ މާކެޓުގައި މިހާރު ހުރި އެ ކެޓަގަރީތަކުގެ ބޯޓުތަކަށް ބަލާއިރު 40 އިންސައްތަ ތެލުގެ ޙަރަދު ކުޑަ ބޯޓުތަކެއް ކަމުގައިކަމަށް އެކުންފުނިން ބުނެއެވެ. މީގެއިތުރުން ބޯޓުތަކުގެ މަރާމާތުގެ ހަރަދުވެސް 20 އިންސައްތަ ކުޑަވެގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
Maldivian orders its first ATR aircraft!
— ATR (@ATRaircraft) January 18, 2022
we are happy with this new partnership and @MaldivianAero 's confidence in all our fleet. ATR aircraft provide the newest technologies in order to meet our customers' needs. #72-600 #42-600 #AtrFamily https://t.co/jQJcPKdOXB
އައިލެންޑް އެވިއޭޝަން ކުންފުނީގެ މޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވީ، މިއީ މިވަގުތު މާކެޓުގައި ލިބެން ހުރި އެންމެ ރަނގަޅު ބޯޓުތަކުގެ އިތުރުން، ދަތުރު ކުރާ ފަރާތްތަށް ފަސޭހައިން ޙިދުމަތް ދެވޭ ގޮތަށް ކެބިން ފުރިހަމަ ކުރެވިފައިވާ ތިމާވެއްޓާ ރައްޓެހި އަދި ހިންގުމުގެ ޙަރަދު ކުޑަ ބޯޓުތަކެއް ކަމަށެވެ. އަދި މިއީ ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް އެންމެ އެކަށޭނެ ބޯޓުތައްކަމަށް މިހާދު ވިދާޅުވިއެވެ.
އޭޓީއާރް މަރުކާގެ ބޯޓުތަކަކީ ރާއްޖޭގެ އަމިއްލަ އެއާލައިންތަކުގަވެސް ބޭނުން ކުރަމުންދާ ޒަމާނީ ބޯޓުތަކެކެވެ.
މޯލްޑިވިއަން ކުންފުނިން އައު ބޯޓުތަކެއް ގަނެފައި މިވަނީ އެކުންފުނީގެ ފްލީޓް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެކުންފުނީގެ ފްލީޓުގެ މިހާރު ބޭނުން ކުރާ ބައެއް ބޯޓުތައް ގިނަ ދުވަސްވެ މައްސަލަ ޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ޕީކް ސީޒަނުގައިވެސް ބައެއް ބޯޓުތައް ޝެޑިއުލް މެއިންޓެނެންސްއަކަށް ދާން ޖެހުމުން މޯލްޑިވިއަންއިން ޖެހުނީ އަމިއްލަ އެއާލައިންތަކުން ބޯޓުތައް ޗާޓަރު ކުރުމަށެވެ. އެހެންކަމުން މޯލްޑިވިއަންގެ ފްލީޓް ބަދަލުކުރުމަށް ކުރާ މަސައްކަތްތަކާއެކު މޯލްޑިވިއަންގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ،