ރިސޯޓު ތަރައްޤީ ކުރުމަށް ދެ ފަރާތަކަށް ދޫކޮށްފައިވާ ރަށްތަކެއް ލޯނު ނުދެއްކުމުގެ ސަބަބުން ނީލަމުގައި ވިއްކާލުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައިން ނިންމައިިފިއެވެ.
އެސްބީއައިންވަނީ މިރަށްތައް ގަންނަން ބޭނުންވާ ފަރާތްތަކުން މިއަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެސްބީއައިން ވިއްކަން ނިންމާފައިވާ ތްރީ އޭ ކުންފުނީގެ ށ. ދޮޅިޔަދޫ އަކީ 2019 ވަނަ އަހަރުވެސް ވިއްކާލުމަށް އެސްބީއައިން އިއުލާންކޮށްފައިވާ ރަށެކެވެ. އޭރު ދޮޅިޔަދޫ ވިއްކުމަށް އެސްބީއައިން އިއުލާން ކުރީ 648 މިލިއަން ރުފިޔާއަށް ނުވަތަ 42 މިލިއަން ޑޮލަރަށެވެ. ނަމަވެސް ދެވަނަ ފަހަރަށް މިރަށް ނީލަމުގައި ވިއްކާލުމަށް އިއުލާންކޮށްފައިވާއިރު މިފަހަރު ކިޔާފައިވަނީ 509 މިލިއަން ރުފިޔާ ނުވަތަ 33 މިލިއަން ޑޮލަރެވެ.
ދޮޅިޔަދޫ ވިއްކާލުމުގެ ހުއްދަ އެސްބީއައި އަށް ލިބިފައިވަނީ 2015 ގައި އެސްބީއައިން ދޮޅިޔަދޫ އިންވެސްޓްމަންޓަށް ދޫކުރި 10 މިލިއަން ޑޮލަރުގެ ލޯން ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާއާ އެކު އަރާފައިވާ 11.1 މިލިއަން ޑޮލަރު (171 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އާއި އޭގެފަހުން ނަގާފައިވާ ހަތަރު މިލިއަން ޑޮލަރުގެ ލޯނަކާއެކު 38.4 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުން އަރާފައިވާ 83.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދެއްކުމުންނެވެ. ސިވިލް ކޯޓުން 2015 ވަނަ އަހަރު މާރިޗު މަހު މި ރަށް ވިއްކާލުމުގެ ހުއްދަ އެސްބީއައިއަށް ދީފައިވާއިރު، މިހުކުމް އެ އަހަރުގެ މޭއި މަހު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކޮށްފައެވެ.
ދޮޅިޔަދޫގެ އިތުރުން އެސްބީއައިއިން ދެން ނީލަމުގައި ވިއްކާލުމަށް އިއުލާންކޮށްފައިވަނީ މިހާރު ނިޔާވެފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)އަށް ސަރުކާރުން ދޫކޮށްފައިވާ ތިން ރަށެކެވެ. އެއީ މ.ގަސްވެލި، ބޮޑުވެލި އަދި ކުޑައުސްފުށިއެވެ. މި ރަށްތައް ވިއްކުމަށް ނީލަން ފަށާ އަގަކީ 17.5 މިލިއަން ޑޮލަރު ނުވަތަ 270 މިލިއަން ރުފިޔާއެވެ.
ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މާލޭ ބްރާންޗާއި އެސްބީއައި މޮރިޝަސް ބްރާންޗުން ކުރިން ނަގާފައިވާ ދެ ލޯނަކަށް ފައިސާ ނުދެއްކުމުން، މިރަށްތައް ވިއްކާލުމަށް އެސްބީއައިއަށް ސިވިލް ކޯޓުން ހުއްދަ ދީފައިވަނީ 2018 ވަނަ އަހަރު މާރިޗު މަހުގައެވެ. މިރަށްތައް ވިއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ގަވާއިދުން އެ ލޯނު ނުދެއްކުމުގެ ސަބަބުން އިންޓްރެސްޓާއި ޖޫރިމަނާ ހިމެނޭ ގޮތަށް، އެ ދެ ލޯނަށް ޖުމްލަ 35 މިލިއަން ޑޮލަރު އަރާފައިވާ ކަމަށެވެ.
އެހެން ކަމުން ލޯނާ ގުޅިގެން ރަހުނު ކޮށްފައިވާ ގަސްވެލި އާއި ދެކުނު ބޮޑުވެލި އަދި ކުޑަ އުސްފުށީގެ ލީސް ހޯލްޑް ރައިޓްސް ވިއްކާލުމުގެ ހުއްދަ އެސްބީއައިއަށް ލިބިގެންވާ ކަމަށް އެ ހުކުމުގައިވެއެވެ.
މި ހަތަރު ރަށް ނީލަމުގައި ވިއްކާލުމަށް އެސްބީއައިން އިއުލާންކޮށްފައިވާއިރު މިރަށްތަކަށް ދިވެހިންނާއި ބޭރު ފަރާތްތަކަށްވެސް ކުރިމަތިލެވެއެވެ. މި ރަށްތަކަށް ކުރިމަތިލާ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި 15،000 ޑޮލަރު ދައްކަން ޖެހެއެވެ.