ޚަބަރު

މިދިޔަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 1.7 ބިލިއަށް ރުފިޔާ


މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސްއަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދައި މުޖުތަމައަށް އެހީތެރިވުމަށް ކަނޑައަޅާފައިވާ މުހިންމު މަގްސަދު ހާސިލް ކުރުމަށް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން އެބޭންކުން ދީފިއެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.7 ބިލިއަށް ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކޯވިޑުގެ ބަލިމަޑުކަމާ ގުޅިގެން ކޮށްފައިވާ ނޭދެވޭ އަސަރާއެކު ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ހޯދައި، ޢާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުން އަންދާޒާ ކުރެވުނު ވަރަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދައިގެން ލިބުނު ކުރިއެރުމެއްކަމަށް ބީއެމްއެލުން ހާމަކުރެއެވެ. އަދި ދައްކަންޖެހި ނުދައްކާ އޮތް ލޯނަކަށް ތިންވަނަ ކުއާޓަރގައި އެއްފަހަރާ ލިބުނު ފައިސާ ހިމެނޭހެން ހޯދުނު ނަތީޖާއެއްކަމަށްވެސް ބީއެމްއެލުން ވިދާޅުވެއެވެ.

މި ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ނިމިގެންދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު މިއީ ބޭންކުގެ ތާރީޚުގައި މިހާތަނަށް އެންމެ ބޮޑު ކާމިޔާބެއް ހޯދުނު އަހަރު ކަމަށެވެ. ބީއެމްއެލުން ދޫކުރާ ލޯނުގެ ނިސްބަތްވަނީ އިރުތުވެފައިކަން ފާހަގަކުރައްވައި ޓިމް ސޯޔަރ ވިދާޅުވީ އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ރަނގަޅުވެ %2.5 ގައި ހިފެހެއްޓިފައި ކަމަށެވެ. އަދި މިދިޔަ އަހަރު ޢާންމު ފަރުދުންނާއި ވިޔަފާރިތަކަށް 3.3 ބިލިއަން ރުފިޔާއަށްވުރެ އިތުރު ޢަދަދަކަށް އައު ލޯނު ދޫކޮށްފައިވާ ކަމަށެވެ.

"މި ނަތީޖާ އާއެކު ހަރުދަނާކަމާއެކީ ދެމެހެއްޓެނެވި ގޮތެއްގައި ބޭންކުން ކަނޑައަޅާފައިވާ ސްޓްރެޓެޖީ ހާސިލްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ. އަދި ހިއްސާ އޮންނަ ފަރާތްތަކުން އުންމީދުކުރާ ފަދަ ކުރިއެރުމެއް ބޭންކަށް ހޯދައިދިނުމަށްވެސް ފަސޭހަވެގެން ދާނެ. އަޅުގަނޑުމެންނަށް މި ހޯދުނު ނަތީޖާއާއެކު ސީދާ ގޮތުން އެންމެ ބޮޑު މަންފާއެއް ލިބިގެންދާނީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް. މި ގޮތުން ދިވެިރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމަށް ވަރަށް ރަނގަޅު ޢަދަދެއް ސަރުކާރަށް ލިބިގެންދާނެ." ޓިމް ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ޢަދަދަށް ބަލާއިރު 5.3 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ.

2022ވަނަ އަހަރުގެ ނޮވެންބަރުގައި ފާހަގަކުރާ ބީއެމްއެލްގެ 40ވަނަ އަހަރީ ދުވަހަކީ އެބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެގެންދާއިރު މި ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ފާހަގަކޮށްލެވޭ މުހިންމު ބޮޑެތި ހަރަކާތްތަކެއް ހިންގުމަށް ބޭންކުން ވަނީ ނިންމާފައެވެ. މިއީ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ހިންގޭ މުހިންމު ހަރަކާތްތަކެކެވެ. މިގޮތުން މިހާތަނަށް ވަނީ ބީއެމްއެލް ސްކޮލާޝިޕް ފަންޑު، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނެއުމަށް އެހީވުމުގެ ޕްރޮގްރާމް، އަދި ބީއެމްއެލް ސްޓާޓަޕް ގްރާންޓް ފަންޑު އިފްތިތާހްކޮށްފައެވެ.