ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓް ހަދާ ކުންފުނިކަމަށްވާ "އޫކްލާއިން" ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު ދިރާގަށް ދީފިއެވެ.
އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓްއިން ދައްކާގޮތުގައި ދިރާގުން ވަނީ އެންމެ ހަލުވި އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް ހޯދައި ރާއްޖޭގެ މޮބައިލް މާރކެޓް ލީޑަރުންގެ މަގާމު ހޯދާފައެވެ. ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް އަދި މުވާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ މަސައްކަތްކުރާ ހުރިހާ ހިސާބުތަކަކަށް 100 އިންސައްތައަށް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް ފޯރުކޮށްދީފައެވެ.
މި އެވޯޑްއަކީ ދިރާގުން ރައްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް "ޑިޖިޓަލް ރާއްޖެ" އަކަށް ތައްޔާރުވުމަށް ހިތްވަރުދީ ބާރުވެރިކުރުވުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ ހެއްކެކެވެ.
އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވިގޮތުގައި ސްޕީޑް ޓެސްޓު އެވޯޑްގެ ބައިވެރިންނަކީ ނެޓްވޯކް އޮޕަރޭޓަރުންގެ ތެރެއިން ހޮވާލެވޭ އެލީޓް ޑެލިގޭޝަންސްތަކެއް ކަމުގައާއި އަދި މި އެވޯޑް ލިބޭ ފަރާތްތަކަކީ އެ މާކެޓެއް ލީޑްކޮށް ނަގާ ކިޔޭވަރުގެ އިންޓަނެޓް ޚިދުމަތެއް ފޯރުކޮށްދެމުންދާ ފަރާތްތަކެކެވެ. އެގޮތުން ދިރާގުން ވަނީ 2021 ވަނަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރގައި ވަރުގަދަ ޕަރފޯމަންސްއެއް ދައްކުވައިދީ އަދި ކަސްޓަމަރުން ހަދާފައިވާ ސްޕީޑް ޓެސްޓުތަކުގެ ނަތީޖާއިންވެސް ލީޑް ނަގާފައެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ރަޝީދު އޫކްލާފަދަ ބައިނަލްއަޤްވާމީ މިނިވަން މުވައްސަސާއަކުން މި ޝަރަފުވެރި އެވޯޑް ލިބުމަކީ ދިރާގަށް ލިބުނު ވަރަށްބޮޑު ޝަރަފެއްކަމަށާއި އަދި ދިރާގުގެ ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މިއީ ދިރާގުގެ ހީވާގި މުވައްޒިފުން ޚިދުމަތްތައް އެންމެ މަތީފެންވަރުގައި ބެހެއްޓުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ރަޝީދު ފާހަގަކުރެއްވިއެވެ.
ދިރާގަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށެވެ.