ޚަބަރު

މިއަހަރު އުފެއްދުންތެރިކަން ހުންނާނީ އިދާރާތަކުން ލަފާކުރި މިންވަރަށްވުރެވެސް މަތީގައި: ރައީސް


މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ހުންނާނީ މާލީ އިދާރާތަކުން ލަފާކުރި މިންވަރަށްވުރެ ވަރަށްވެސް މަތީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ތަފާސް ހިސާބު އެކުލަވާލަން ފެށިފަހުން ފެންނަ އެންމެ ބޮޑު އަދި ކުއްލި އަޑިގުޑަން ރެކޯޑް ކުރެވިފައިވަނީ ކޯވިޑް އެންމެ ބޮޑަށް ފެތުރުނު 2020 އަހަރުކަމަށެވެ.

"2020 ވަނަ އަހަރު އެގޮތުން އޭގެ ކުރީއަހަރާ އަޅާބަލާއިރު އެ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 އިންސައްތަ ދަށަށްދިޔަ. ރައީސް ވިދާޅުވީ އަވަސް އަދި ހަރުދަނާ ފިޔަވަޅު ތަކެއް ނޭޅިނަމަ ޢާންމު ދިވެހި ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސާލާނެ ހާލަތަކަށް ރާއްޖެ ދިޔަ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެޅި ފިޔަވަޅުތަކާއި އޭގެ ހެޔޮނަތީޖާ އަހަރެއްހާ ދުވަސް ނުވަނީސް ވަނީ ފެންނަން ފަށާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ހުސްވި 2021 ވަނަ އަހަރު ނިމިދިޔައީ ރާއްޖޭގެ ފަތުރުވެރިކަން ހިފި އަމާޒަށްވުރެވެސް މަތިން ހާސިލްކުރެވިގެންކަމަށެވެ. އަދި މިއަހަރަށް އަމާޒު ހިފީ އެއް މިލިއަން ފަތުރުވެރިން ނަމަވެސް 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާތަރްކުރިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެކަމަށާއި، އަދި އެ އަދަދުތައް ހުންނާނީ މާލީ އިދާރާތަކުން ލަފާކުރި މިންވަރަށްވުރެވެސް މަތީގައިކަމަށެވެ.

"2021ވަނަ އަހަރުގެ އުފެއްދުންތެރިކަން ހުންނާނީ 31.6 އިންސައްތަ އާ 38.5 އިންސައްތައާ ދެމެދުގާ ކަމަށް ބެލެވޭ (.) މިއީ ވޯލްޑް ބޭންކާ އައި.އެމް.އެފް ފަދަ ބައިނަލް އަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ލަފާކުރި މިންވަރަށްވުރެ އެތައް ތަނެއް މަތީ މިންވަރެއް. އައި.އެމް.އެފްއިން ލަފާކުރާ ގޮތުގާ މިހިނގާ 2022 ވަނަ އަހަރުވެސް އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ މުޅި ދުނިޔޭގެ 5 އިޤްތިޞާދުގެ ތެރޭގައިވެސް ދިވެހިރާއްޖެ ހިމެނޭ. ސަރުކާރުގެ އަންދާޒާ އަކީ މިހިނގާ 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދުން.އަދި މިއަހަރު ޖުމުލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ދައްކާ ނިމިފައިވާކަމަށެވެ. އަދި އެއާއެކުވެސް މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގާ 791.2 މިލިއަން ޑޮލަރު ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަން ފަށާނެކަމަށެވެ. އަދި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކޯވިޑް-19ގެ ކުރިން އޮތް ހިސާބަށް 2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު އަނބުރާ ގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.