ރާއްޖޭގައި މިހާރުތިބި ރަޝިއާއާއި ޔޫކްރެއިންގެ ފަތުރުވެރިން އެމީހުންގެ ވީސާ އިތުރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރެވޭނެ ފަހި ގޮތްތަކެއް ހަމަޖައްސައިދީފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހަނގުރާމައެއް ފަށާފައިވާއިރު މި 2 ޤައުމަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު 2 ޤައުމެވެ. ރަޝިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމެވެ. އަދި މިއަހަރުގެ މިހާތަނަށް ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. އަދި ޔޫކްރެއިނަކީ އަހަރުގެ މިހާތަނަށް 8 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމެވެ.
އަބަދުވެސް މި 2 ޤައުމުގެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދެއެވެ. މިހާރުވެސް ރަޝިއާއާއި ޔޫކްރެއިންގެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި އެބަތިއްބެވެ.
ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ހުރިހައި ޓޫރިސްޓް ފެސިލިޓީތަކަކަށް އެތަނުގައި ތިބި ރަޝިއާއާއި ޔޫކްރެއިންގެ ފަތުރުވެރިންގެ ޢަދަދާއި އެމީހުން ފުރުމަށް ހަމަޖެހިފައިވާގޮތް ޓޫރިޒަމް މިނިސްޓްރީއަށް އަންގަން އެދިފައިވާނެކަމަށެވެ. އަދި އެ މައުލޫމާތުތައް މިހާރު މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ. ރަޝިއާއާއި ޔޫކްރެއިންއަކީވެސް ރާއްޖެއިން އޮން އެރައިވަލް ވީސާ ދޭ ދެ ޤައުމެވެ. އެހެންކަމުން ރާއްޖޭގައި މިހާރު ތިބި މި 2 ޤައުމުގެ ފަތުރުވެރިން ވީސާ އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި އެކަން ކޮށްދެއްވާނެކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
"ވީސާ އިތުރަށް ބޭނުންވެއްޖިއްޔާ ޓޫރިސްޓް ވީސާ 90 ދުވަހަށްވެސް ލިބޭނެ އެކިފަހަރު މަތިން. އިމިގްރޭޝަނުން މިއަދު އަޅުގަނޑަށް ޔަޤީންކަން އެރުވި އެއްވެސް ހާލަތެއްގައި އެބޭފުޅުން ރަށަށް ދިއުމުގައި ދަތިތަކެއް ދިމާވެގެން ރަށަށްދާން ބޭނުން ނުވެގެން މަޑުކޮށްގެންވެސް ދިގުލައިގެން ގޮސްގެން ވީސާ އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިދޭ އިޚްތިޔާރުގެ ތެރެއިން އެ ވީސާ ދެއްވާނެކަމަށް." މިނިސްޓަރ ޑރ.މަޢުސޫމް ވިދާޅުވިއެވެ.
ޑރ.މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާއި މި ސަރަހައްދާއި އޮތީ ވަރަށް ބޮޑަށް ގުޅިފައިކަމަށެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ %20 ރަޝިއާއާއި ޔޫކްރެއިން ހިއްސާކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ސަރަހައްދުން ރާއްޖެ އަންނަން ހަދާފައިވާ ގިނަ އަދަދެއްގެ ބުކިންތައްވެސް މިހާރު ކެންސަލްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"2 ބައިމީހުން ހަނގުރާމަކުރަން ފެށީމަ އޭގެ އަސަރު ވަރަށް ބޮޑުވާނެ. ދެން އަޅުގަނޑުމެންނަށް އިންޑަސްޓްރީން މިއަދު ޚަބަރުކުރި ގޮތުގައި މިހާރު އެބަ ކެންސަލޭޝަންސް އާދޭ. ދެން މި ކޮންފްލިކްޓް ދިގުލައިގެން ދަންޏާ އޭގެ އަސަރު އަދި ބޮޑުވާނެ. ރާއްޖެ ކޯވިޑުން އަރައިގަނެވުނުކަހަލަ އިހްސާސެއް ވެފައި ހުއްޓާ އަނެއްކާ މިކަންތައް މި ލައިގަތީ." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ނަންބަރުތައް ދައްވެދާނެކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ފަތުރުވެރިކަމަށް އަންނަ މިކަހަލަ ކޮންމެ އަޑިގަނޑަކުންވެސް ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާއި ސަރުކާރުން ގުޅިގެން އަރައިގަނެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިފަހަރުވެސް ސަރުކާރާއި މިދާއިރާގެ އިސްފަރާތްތައް ގުޅިގެން މިކަމުން އަރައިގަތުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.