ޚަބަރު

އުގައިލްގެ "ސިއްހީ ހަދިޔާ" ރޭޑިއޯ ޓީވީއަށް!


ޕްރޮފެސަރ
ޙަސަން އުޤައިލްގެ "ސިއްޙީ ހަދިޔާ" މި ފޮތުގައި ހިމެނޭ މަޢުލޫމާތުތަކުގެ
މައްޗަށް ބިނާކޮށް، ޢާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ޓީވީ، އަދި ރޭޑިއޯ
ޕްރޮގްރާމްތައް އުފެއްދުމާއި ގުޅޭ އެއްބަސްވުމެއްގައި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމުން ސޮއިކޮށްފިއެވެ.



ދިވެހިންނަށް އާއްމުކޮށް
ދިމާވާ ސިއްހީ މައްސަލަތަކާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމުގެ މުހިއްމުކަމާގުޅޭ ގޮތުން ޕްރޮފެސަރު ހަސަން އުގައިލް ލިޔުއްވާފައިވާ "ސިއްޙީ ހަދިޔާ" މި ފޮތަށް ދަނީ
އާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.



ޕްރޮފެސަރ ޙަސަން އުޤައިލް
ލިޔުއްވާފައިވާ "ސިއްޙީ ހަދިޔާ" މިފޮތުގައި ހިމެނޭ ޢިލްމީ ދިރާސާތަކާއި،
މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޕްރޮގްރާމް އުފެއްދުމަށް ވެވުނު މި އެއްބަސްވުމުގެ
ދަށުން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ތަފާތު އެކި ޗެނަލްތަކުން ޚާއްސަ
ޕްރޮގްރާމްތަކެއް ޕްރޮފެސަރ އުޤައިލާއެކު އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ޓީވީ، ރޭޑިއޯ، އޮންލައިން އަދި ޕްރިންޓް މީޑިއާއަށް ބޭނުންވާ ތަފާތު
ކޮންޓެންޓްތައް އުފެއްދުމަށްވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ
ޑިރެކްޓަރ އިބްރާހިމް ޚަލީލްއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ
މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، ޢިލްމީ ބޭފުޅުން ނެރުއްވާ މިފަދަ
އަގުހުރި އުފެއްދުންތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ޕީ.އެސް.އެމުން އަބަދުވެސް
އިސްކަމެއްދެއްވާނެކަމަށެވެ. އަދި ޕީ.އެސް.އެމްގެ އަމާޒަކީ މިފަދަ ލިޔުންތަކާއި
ޢިލްމީ ދިރާސާތައް ވިހާވެސް ގިނަ ބަޔަކަށް ޝަޢުޤުވެރިވާނެ ފަދަ ގޮތަކަށް
ގެނެސްދިނުންކަމަށެވެ.



އެއްބަސްވުމުގައި
ސޮއިކުރުމުގެ އިތުރުން، ޕީ.އެސް.އެމްގެ އެކި ޑިޕާރޓްމަންޓްތަކުގައި މަސައްކަތް
ކުރާ މުވައްޒަފުންނާއެކު، މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފައެވެ.
މި ސެންޝަގައި ބައިވެރިންގެ ފަރާތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޕްރޮފެސަރ ޙަސަން އުޤައިލް ވިދާޅުވީ، ދުޅަހެޔޮ
ސިއްޙަތެއްގައި ތިބުމަށް ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ހަށިގަނޑާއި ގުޅޭ
ދިރާސާތައްކޮށް، އަމިއްލަ ހެދިބޮޑުވުން ދަސްކުރުން މުހިއްމުކަމަށެވެ. އަދި
ސިއްޙަތާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވަން ޕްރޮގްރާމް ފަދަ
އުފެއްދުންތައް ގެނެއުމުގައި ސައިންޓިފިކް ހޯދުންތަކާއި އެއްވަރަށް އެކަމުގެ
ހެއްކާއި ދަލީލު ގެނެސްދިނުން މުހިއްމުކަމަށެވެ.
ޕްރޮފެސަރ އުޤެއިލް ނެރުއްވި "ސިއްޙީ ހަދިޔާ" އުޤެއިލްގެ މިފޮތަކީ
އަމިއްލަ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ
ފޮތެކެވެ. މިފޮތުގައި ވަނީ ސިއްޙީ ކަންކަމަށް ސަމާލުވުމަށާއި، އެފަދަ ކަންކަން
ފަސޭހައިން ދެނެގަނެވޭނެ މަޢުލޫމާތުތައް ވަރަށް ތިލަކޮށް ގެނެސްދީފައިވެއެވެ.



ސޮނީ
ހާޑްވެއާރގެ އެހީތެރިކަމާއެކު ހިލޭ ބަހާ މި ފޮތުގެ ފުރަތަމަ ޝިޕްމަންޓް
ހުސްވެފައިވާއިރު، ފޮތުގެ އިތުރު ކޮޕީތައް ގެނައުމުގެ މަސައްކަތް މިހާރުވެސް ދަނީ
ކުރަމުންނެވެ.