ވިޔަފާރި

ޑިޖިޓަލް ބޭންކުގެ މަސައްކަތް ހުއްޓާނުލަން، މިއަހަރުގެ ފަހުކޮޅު ލައިސެންސް ލިބޭނެ: އެސްޓީއޯ


އެސްޓީއޯގެ ޑިޖިޓަލް ބޭންކުގެ މަސައްކަތް ހުއްޓާނުލައި ލައިސެންސް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށް އެސްޓީއޯއިން ހާމަކުރައްވައިފިއެވެ.

އެސްޓީއޯއިން ކުރަމުންއަންނަ ވިޔަފާރިތައް ފުޅާ ކުރުމުގެގޮތުން ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ޤާއިމު ކުރުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. މި ބޭންކް އެކުންފުނިން ޤާއިމުކުރުމަށް މިދިޔަ އަހަރު ފަހުކޮޅު އެމްއެމްއޭއަށް ލައިސަންސް ހޯދަންވެސް ހުށަހެޅިއެވެ. ނަމަވެސް އެކަމުގައި އެމްއެމްއޭއިން ވަނީ ބައެއް ކަންކަން ފާހަގަކޮށް ލައިސެންސް ނުދޭން ނިންމައި އެހުށަހެޅުން އަނބުރާ ފޮނުވާލާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ، ޑިޖިޓަލް ބޭންކުގެ މަސައްކަތް ހުއްޓާލަފައި ނުވާކަމަށާ، އެމްއެމްއޭއިން ފާގަކުރައްވާފައިވާ ބައެއް ކަންކަމަށް މިހާރު ޖަވާބު ދެއްވާފައިވާކަމަށެވެ.

މޯރިޝަސް ބޭންކުގެ މިސާލު ނަނގަވައި އަމްރު ވިދާޅުވީ، ރާއްޖޭގެ ބޭންކުންތައް އެހެން ޤައުމުތަކުގައިވެސް ޤާއިމު ނުކުރެވެންވީ ސަބަބެއް ނެތްކަމަށެވެ. މިކަމަށް ބަލާއިރު ޑިޖިޓަލް ބޭންކެއް އެހެން ޤައުމެއްގައި ޤާއިމު ކުރުން އާންމު ބޭންކަކަށްވުރެ ފަސޭހަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ގެންގުޅެނީ ފިންޓެކް. އަޅުގަނޑުމެން މިކިޔަނީވެސް އެޔަށް "އިވޯލްވް". ބޭނުމަކީ ޓްރެޑިޝަނަލް މޯލްޑިވްސް ބޭންކް ކަހަލަ ނަމެއް ނުކިޔާ ފިންޓެކް ދައިރާގައި ފައި ހަރުކުރުން. އެހެންވިއްޔާ ރާއްޖެއިން ބޭރުގައި މިވިޔަފާރިކޮށް، ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމެއްކަމަށް އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭ. އެހެންވެ އަޅުގަނޑުމެން އެހާވަރަށް މިކަމާއި މިއުޅެނީ. އިރާދަ ކުރެއްވިޔާ މަސައްކަތް ހުއްޓައިނުލަން. އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް މިއަހަރު ނިމޭތާ ޑިޖިޓަލް ބޭންކް ލައިސެންސް ލިބޭނެކަމުގެ." އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ޑިޖިޓަލް ބޭންކެއް ޤާއިމު ކުރުމަށް މަސައްކަތް ކުރާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ މިކަން ފަށާނީ ކަމާގުޅޭ ތަޖުރިބާކާރުން ބޭރުން ގެނެސްގެން ކަމަށާއި، މި ބޭންކުގެ ހުރިހާ ޚިދުމަތެއްވެސް މަދު ވަގުތު ކޮޅެއްގެ ތެރޭގައި ލިބޭނެ ކަމަށެވެ.

ޑިޖިޓަލް ބޭންކް ނިޒާމަކީ މުޅި ނިޒާމު އެއްކޮށް އޮންލައިން ކުރެވިފައިވާ ބޭންކިން ނިޒާމެކެވެ. މިނިޒާމުގެ ތެރެއިން ދެވޭ ގިނަ ޚިދުމަތްތައް ދެވޭނީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށެވެ. މި ނިޒާމާއި އާއްމުކޮށް މިހާރު މި ބޭނުންކުރާ އޮންލައިން ބޭންކިން ޕްލެޓްފޯމްތަކާއި އެންމެ ބޮޑު ތަފާތަކީ ޑިޖިޓަލް ބޭންކުގެ ހުރިހާ ކަމެއްވެސް އޮންލައިން ޕްލެޓްފޯމުގެ ތެރެއިން ކުރިއަށް ދާނެކަމެވެ.

އެސްޓީއޯގެ ޑިޖިޓަލް ބޭންކު ޤާއިމު ކުރެވިއްޖެ ނަމަ މިއީ ދިވެހި ރާއްޖޭގެ ފުރަތަމަ މުޅިން އެކީ ޑިޖިޓަލް ބޭންކަށް ވެގެންދާނެއެވެ. މިހާރުވެސް އާންމު ބޭންކިންގް ނިޒާމުގެ ތެރެއިން އޮންލައިން ޕްލެޓްފޯމްތައް ބޭނުން ކުރެއެވެ.