ތެލުގެ އަގު ބޮޑުވިނަމަވެސް ކަރަންޓު ބިލު ބޮޑުވެގެން ނުދާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ އަގަށް ބަދަލަށް އަތުވެދާނެތޯ ބުނެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން ސްޓެލްކޯއަށް ފްލެޓް ރޭޓެއްގައި، އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ. އެހެން ކަމުން ތެލުގެ އަގަށް އަންނަ ބަދަލާއިއެކު، ކަރަންޓު ޙިދުމަތުގެ އަގު ބޮޑުވެގެން ނުދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސިޔާސަތަކީ ރައްޔިތުންނަށް ބުރަ ނުވާނެ ގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ. އަދި ސްޓެލްކޯއިން ރައީސް ސާލިހުގެ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގަ ދެމި ތިބޭނެކަމަށާއި، އެ މަގަށް މަސައްކަތާއި ހިދުމަތްތައްވެސް ދާނީ ރޭވިގެންކަމަށް ޝަރީފް ވިދާޅުވިއެވެ.
ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނީ ޕެޓްރޯލް ލީޓަރެއް 14.60 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 14.80 ރުފިޔާއަށެވެ.
މިދިޔަ ދުވަސްތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިފަހުން ހިފެހެއްޓުމެއް ނެތި ދިޔައީ ބޮޑުވަމުންނެވެ. އެގޮތުން މިއަހަރު ފެށިގެން އައިއިރު 90 ޑޮލަރުގައި ހުރި ބްރެންޓް ކްރޫޑުގެ އަގު ނިމިގެން މިދާ ހަފްތާ ފެށުނުއިރު 130 ޑޮލަރަށް އެރިއެވެ. ނަމަވެސް އޯޕެކް މިހާރު ބާޒާރުގައި ތެލުގެ އަގު ހުރީ ފީފާއެއް 112 ޑޮލަރުގައެވެ.