މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭ ދައުލަތައް 4.6 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތާފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ދައުލަތުގެ ޙަރަދުތަކާއި ޢާމްދަނީ ހިނގާ ގޮތުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މާރިޗު މަހުގެ 3ވަނަ ދުވަހާ ހަމައަށް ދައުލަތައް ޖުމްލަ ލިބިފައިވަނީ 4.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޓެކްސްއިން ލިބޭ ޢާމްދަނީ ބޮޑުބައި ހިއްސާ ކުރާއިރު، ޓެކްސް ޢާމްދަނީގެ ގޮތުގައި މިމުއްދަތުގައި 3.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 3.1 ބިލިއަން ރުފިޔާއެވެ.
ޓެކްސް ޢާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީން 477 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މިހާތަނަށް ބީޕީޓީގެ ގޮތުގައި 1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިމުއްދަތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތައް 824 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރެއިން މިއަހަރު ޖެނުވަރީ މަހު އަލަށް ނަގަން ފެށި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 95 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިމުއްދަތުގައި ރިސޯޓު ކުލީގެ ގޮތުގައި 107 މިލިއަން ރުފިޔާ ދައަލަތައް ވަނީ ލިބިފައެވެ. އަދި އެކި ޖޫރިމަނާތަކުން 26 މިލިއަން ރުފިޔާ ވަނީ ހޯދިފައެވެ.
މިއަހަރުގެ ފުރަތަމަ ދެމަސް ދުވަހަށް ބަލާއިރު ދައުލަތުގެ ޙަރަދުތައް 5 ބިލިއަނަށް ވަނީ އަރަފައެވެ. އެގޮތުން ހަމައެކަނި ޕީއެސްއައިޕީ މަޝްރޫޢު ހިންގުމަށްވެސް 803 މިލިއަން ރުފިޔާ ޙަރަދު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. މިދިޔަ އަހަރު މިމުއްދަތުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހޭދަކޮށްފައިވަނީ 539.2 މިލިއަން ރުފިޔާއެވެ.
އެގޮތުން ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު ޙަރަދެއް ކޮށްފައިވަނީ މިމުއްދަތުގައި ބޯހިޔާ ވަހިކަމުގެ މަޝްރޫޢުތަކަށެވެ. އެގޮތުން ބޯހިޔާވަހިކަމަށް 130 މިލިއަން ރުފިޔާ ޕީއެސްއައިޕީގެ ދަށުން ޙަރަދުކޮށްފައިވެއެވެ. މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫޢުތަކަށް 149 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ފެނާއި ނަރުދަމާ މަޝްރޫޢުތަކަށް 116 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވެއެވެ.
ދައުލަތުގެ ޙަރަދުތައް ލިބޭ އާމްދަނީއަށް ވުރެ ބޮޑުވެފައިވާއިރު، ރައީސުލްޖުމުހޫއްރީއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ޤައުމާއި މުހާތަބު ކުރައްވާ ދެއްވި ހިޠާބުގައި ކޯވިޑާއި ގުޅިގެން ދިވެހި ރާއްޖޭގެ އިޤްތިޞާދަށް 71 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަހަރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަރާނެ 5 އިޤްތިޞާދުކަމަށް ބޭރުގެ މާލީ އިދާރާތަކުން ބުނާ އިޤްތިޞާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.