ވިޔަފާރި

ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ބޭންކު ޤާއިމު ކުރުމުގެ ރޭހަށް ދުބާއީ ކުންފުންޏެއް


ދުބާއީގައި ޤާއިމުވެފައިވާ މޮޖޭ ގްލޯބަލް ހޯލްޑިންގްސްއިން ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ހުޅުވުމުގެ ހުއްދައަކަށް އެދި އެމްއެމްއޭއަށް ހުށަހަޅައިފިއެވެ.

ދުބާއީގައި ޤާޢިމުވެފައިވާ މޯޖޭ ގްލޯބަލް ހޯލްޑިންގް އަކީ ޓެކްނޮލޮޖީ ވިޔަފާރިކުރާ ކުންފުންޏެކެވެ. އެކުންފުނިން ޑިޖިޓަލް ބޭންކެއް ހުޅުވުމަށް އެމްއެމްއޭއަށް ހުށަހެޅީ މިދިޔަ މަހުގެ ފަހަކޮޅުއެވެ. މި ބޭންކް ހުޅުވުމުގެ ސަބަބުން މޯޖޭއިން ބުނާގޮތުގައި ދިވެހި ރާއްޖޭގައި މިހާރު ތިބި ބޭންކުތައް %37.5އާއި %44.4އާ ދެމެދުގެ ކުރިއެރުމެއް ހޯދާނެއެވެ.

އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ރައުލް ސިލްވާ ވިދާޅުވީ، އެކުންފުންޏަކީ ޓެކްނޮލޮޖީއާއި ފިންޓެކް ދާއިރާ އެކުއެކީގައި ކުރިއަށް ގެންދަން ދަންނަ ކުންފުންޏެއްކަމަށެވެ. އަދި ރާއްޖެއަކީ މިދާއިރާގައި ކުރިއަރަމުން އަންނަ މާކެޓަކަށްވާއިރު، އެކުންފުނީގެ މޭޭނޭޖްމަންޓް ޓީމުން މިދައިރާގައި އިޖާދީ ވިސްނުން ރަނގަޅަށް ދަނެގަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުން ރާއްޖޭގެ އިޤްތިޞާދު ވަރަށްބޮޑަށް ކުރިއަރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މޯޖޭއިން ބުނާ ގޮތުގައި، ރާއްޖޭގައި ޤާއިމުކުރާ ޑިޖިޓަލް ބޭންކުން ވަރަށް ބޮޑަށް މާލީ ދާއިރާގައި ދެމުންއަންނަ ޚިދުމަތް ފުޅާކުރާނެއެވެ. އެގޮތުން ފަސޭހަ ކަމާއިއެކު އެކައުންޓު ހުޅުވައި ލޯނަށް އެދި ކަންކަން ކުރެވޭ ނިޒާމެއް ޤާއިމު ކުރާއިރު، ޔޫއޭއީ، ބްރެޒިލް، އިންޑިއާ އަދި އެމެރިކާއަށްވެސް އެކުންފުނީގެ ޑިޖިޓަލް ބޭންކިން ޚިދުމަތް ފުޅާ ކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ޑިޖިޓަލް ބޭންކަކީ ބޭންކިން ނިޒާމުގެ ޚަރަދު ކުޑަގޮތެއްކަން ފާހަގަކޮށް މޯޖޭއިން ބުނީ މި ނިޒާމުގެ ސަބަބުން ޒުވާން އައު ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިވެ، ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަގޮތަކަށް ކަންކަން މެނޭޖް ކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

މިއީ ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ޤާއިމު ކުރުމަށް ހުށަހެޅި ފުރަތަމަ ފަހަރެއް ނޫނެނެވެ. މީގެ ކުރީން އެސްޓީއޯއިންވެސް ވަނީ ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ހުޅުވުމަށް އެމްއެމްއޭއަށް ހުށަހަޅާފައެވެ. ނަމަވެސް އެސްޓީއޯއަށް އަދި ހުއްދަ ލިބިފައެއް ނުވެއެވެ. އެސްޓީއޯއިން ދަނީ ހުއްދަ ހޯދުމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވާ ކަންކަމަށް ޖަވާބުދާރީ ވަމުންނެވެ. އަދި މިއަހަރު ފަހުކޮޅު މި ހުއްދަ ލިބޭނެ ކަމަށް އެސްޓީއޯއިން ޤަބޫލު ކުރެއެވެ.