މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 38 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު 23 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 65 އިންސައްތަ އިތުރު އަދަދެކެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލްމަހު މުދަލުގެ ޒަކާތުގެ ގޮތުގައި ދައުލަތަށްވަނީ 22 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ 10 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 122 އިންސައްތަ އިތުރު އަދަދެކެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު މަރޗުމަހު މުދަލު ޒަކާތުގެ ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފައެވެ.
އެގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 7241.15ރ. ކަނޑައަޅާފައިވާ އިރު، މީގެ ކުރީން މިދިޔަ އަހަރު އޯގަސްޓު މަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 6878.20ރ. އެވެ.
މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި، ރެކޯޑު އަދަދެއްވަނީ ލިބިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 90 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ 2020ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ދައުލަތަށް ލިބުނު 60 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 48 އިންސައްތަ އިތުރު އަދަދެކެވެ.
ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދެއެވެ. ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ. ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.
މުދަލު ޒަކާތް މީގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.