ޚަބަރު

އުކުޅަހު ކޮންވެންޝަން ސެންޓަރު، ރަށު ވިޔަފާރިތަކަށް މާލީ ބޮޑުކުރިއެރުމެއް


އުކުޅަސް ކޮންވެންޝަން ސެންޓަރާއި އެކު ރަށުގެ ވިޔަފާރިތަކަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ ކަަމަށް އެރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާޙިމް ވިދާޅުވެއްޖެއެވެ. އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް ހުޅުވާފައިވަނީ 2019ވަނަ އަހަރުގެ އޮގަސްޓުމަހުގެތެރޭގައެވެ. އެ ސެންޓަރު ހުޅުވައިދެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާޙިމް ވިދާޅުވީ، އެރަށުގައި ކޮންވެންޝަން ޓޫރިޒަމް އެރަށުގައި ތައާރަފްވެގެންދިޔައީ، ކޮންވެންޝަން ސެންޓަރާއި އެކު ކަމަށެވެ. ޝައުކަތު ވިދާޅުވީ މިހާރުވެސް ބައިވަރު ކޮންފަރެންސްތައް އުކުޅަހުގައި ބޭއްވުމަށް ޝެޑިއުލްކޮށްފައި އެބައޮތް ކަމަށެވެ.

" މިއަދު އުކުޅަހުގެ ހުރިހާ ގެސްޓުހައުސްތަކާއި، ރެސްޓޯރެންޓުތަކާއި، ކެފޭތަކާއި، ވިޔަފާރިތައް މިހާ ބޮޑަށް ވިކެމުން މިދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަރަށް އިސްކަމެއް ދެއްވައިގެން އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް އަޅާދެއްވީމާ،" ޝައުކަތު ވިދާޅުވިއެވެ.

އއ.އުކުޅަހު ކޮންވެންޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ 7.8 މިލިއަން ރުފިޔާ އާ ދިވެހި ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ޖުމުލަ 20.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރި ތަނެކެވެ.

މިތަން 2019ވަނަ އަހަރު ހުޅުވާފައިވަނީ އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީން އިންތިޒާމްކުރި ސައިންސްވެރިންގެ ބައިނަލްއަގުވާމީ ކޮންފަރެންސާ އުގައިލް ފައުންޑޭޝަނުން ބޭއްވި ޓެކްފެއާ އެކުގައެވެ. މި ކޮންވެސްޝަން ސެންޓަރުގައި ބާއްވާ ކޮންފަރެންސްތަކުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ މީހުންގެ ދަތުރުފަތުރާއި ކެއުން ބުއިމާއި ތިބުމުގެ ޚަރަދުތަކުގެ ސަބަބުން ރަށަށް ބޮޑެތި މާލީ ފައިދާތައް އަންނަނީ ލިބެމުންނެވެ.

އުކުޅަހަކީ ގެސްޓް ހައުސްގެ ވިޔަފާރި ފައްކާވެ ފުޅާވަމުން އަންނަ ރަށަކަށްވާއިރު އެ ވިޔަފާރިކުރާ ފަރާތްތަކަށްވެސް މިއީ ވަރަށް ބޮޑު ހިތް ހަމަޖެހުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އުކުޅަހަކީ، އއ. އަތޮޅުގައި، 3 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސް ހިންގާ ރަށެވެ. އެރަށުގައި 24 ގެސްޓު ހައުސެއްދަނީ ހިންގަމުންނެވެ.