އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމްގައި ވަރުގަދަ މިއުޒިކް ޝޯއެއް ބޭއްވުމަށް ފީފާ އިން ނިންމައިފި އެވެ.
އެމެރިކާގެ ނިއު ޖަރޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގެ ހާފް ޓައިމްގައި ކުޅޭ ސުޕަރ ބޯލް ސްޓައިލްގެ މިއުޒިކް ޝޯގައި ޕަރފޯމް ކުރާނީ ޝަކީރާ އާއި މެޑޯނާގެ އިތުރުން ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް ބީޓީއެސް އެވެ. މީގެ އިތުރުން ކޯލްޑް ޕްލޭގެ ލަވަ ކިއުންތެރިޔާ ކްރިސް މާޓިން ވެސް މި ޝޯގައި ބައިވެރިވާނެ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އުޅޭ ކުޑަކުދިންގެ ދިރިއުޅުން އިތުރަށް ރަގަޅު ކުރުމަށްޓަކައި ގުޅިގެން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
ވޯލްޑްކަޕްގެ ފައިނަލް މެޗެއްގެ ހާފް ޓައިމްގައި މިފަދަ މިއުޒިކް ޝޯއެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް އެމެރިކާގެ ސުޕަރބޯލް މެޗުތަކުގެ ހާފް ޓައިމްގައި މަޝްހޫރު ފަންނާނުންގެ މިއުޒިކް ޝޯތައް ބޭއްވުމަކީ އެމެރިކާގައި އާންމު ކަމެކެވެ.
ފުރަތަމަ ފަހަރަށް 48 ޓީމު ވާދަކުރާ ގޮތަށް ކުޅެވޭ ވޯލްޑްކަޕްގެ މެޗުތައް މި ފަހަރު ކުޅޭނީ އެމެރިކާގެ އިތުރުން މެކްސިކޯ އާއި ކެނެޑާގަ އެވެ.