ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ކަނޑުއަޑީގެ ތަފާތު ޑައިވިން ތަޖުރިބާތަކާއި މޫދު ކުޅިވަރުތަށް އިޝްތިހާރުކުރުމަށް މެލޭޝިއާ އިންޓަރނޭޝަނަލް ޑައިވް އެކްސްޕޯ، މައިޑްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ހަރަކާތް ކުރިއަށް ދަނީ މެލޭޝިއާގެ ކުއާލަ ލަންޕޫރުގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި މޭމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ފެއަރގައި އެމްއެމްޕީއާރުސީއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 4 ކުންފުންޏަކުން 6 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ރާއްޖެއިން ލިބެންހުރި ކަނޑުއަޑީގެ އެކި ތަޖުރިބާތައް، ޑައިވް އަދި ވޯޓާ ސްޕޯޓްސްއަށް ޝައުގުވެރިވާ ފަރާތްތަކަށް މި ފެއަރގެ ތެރެއިން ހިއްސާކުރާނެއެވެ.
މީގެއިތުރުން، މެލޭޝިއާ އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވާ، ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ހިއްސާކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މި ހަރަކާތުގައި ބައިވެރިވާ ރާއްޖޭގެ އިންޑަސްޓްރީގެ ފަރާތްތަކާއި، ބޭރުގެ ފަރާތްތަކާ ދެމެދު މުހިންމު މަޝްވަރާތަކާއި ޕާޓްނަރޝިޕްތައް ޤާއިމްކުރެވޭނެކަމަށް ބެލެވެއެވެ. މައިޑްގެ ތެރެއިން އޯގަނައިޒަރުން އިންތިޒާމުކޮށް ޑައިވިން އަދި ކަނޑުއަޑީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެކިއެކި ދާއިރާތަކަށް ވާހަކަދައްކާނެއެވެ. މިގޮތުން ރާއްޖޭގެ މަޝްހޫރު ޑައިވާ، ޝަފްރާޒް ނައީމް "ޑައިވިން އިން މޯލްޑިވްސް" މި މައުޟޫއަށް މައިޑްގެ ދެވަނަ ދުވަހު ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މައިޑް އަކީ ކޮންމެ އަހަރަކު ޑައިވް އިންޑަސްޓްރީގެ ފަރާތްތަކަށް ހާއްސަކޮށް ބާއްވާ، އަހަރަކު 12000 މީހުން ޒިޔާރަތްކުރާ، ބައިނަލްއަޤްވާމީ ބޮޑު ހަރަކާތެވެ. މި ފެއަރގައި ކަނޑު އަޑީގައި ފީނުމާއި މޫދު ކުޅިވަރުގެ ދާއިރާގެ ވިޔަފާރިތައް އެއްތަނަކުން ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
ކޯވިޑްގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މެލޭޝިއާގެ ބޯޑަރު ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު ވަނީ ބައިނަލްއަޤްވާމީ އިންބައުންޑް އަދި އައުޓްބައުންޑް ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. މިއަހަރުގެ ޖެނުއަރީން ފެބްރުއަރީގެ ނިޔަލަށް ދެކުނު އިރުމަތީ އޭޝިއާ މާކެޓުގެ ޤައުމުތަކުން ރާއްޖެއަށް 1194 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީން ވޭތުވެދިޔަ އަހަރު އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ.