ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޙިއްސާދާރުންނަށް މިހާތަނަށް ދޭ އެންމެބޮޑު ޢަދަދާއެކު ޙިއްސާއަކަށް 48 ރުފިޔާ ބަހަން އަހަރީ ޢަންމު ޖަލްސާއިން ފާސްކޮށްފިއެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 258 މިލިއަން ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.
ބީއެމްއެލްގެ ހިއްސާއަކަށް 48 ރުފިޔާ ބަހަން ފާސްކޮށްފައިވާއިރު މިއީ އެ ކުންފުނީގެ ޙިއްސާދާރުންނަށް ބަހަން މިހާތަނަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.
ހިއްސާދާރުންނާ މުޚާތަބުކޮށް ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ މިއަހަރުގެ ކުރީކޮޅު، އިންޓަރިމް ޑިވިޑެންޑް ގެ ގޮތުގައި ހިއްސާ އަކަށް 13 ރުފިޔާ ބެހުމަށް ބޯޑުން ނިންމާފައިވާކަމަށެވެ. އަދި ކުރިން ދޫކުރެވުނު އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން ޖުމްލަ ފައިދާގެ ގޮތުގައި ޙިއްސާއަކަށް 48 ރުފިޔާ ދޫކުރުމަށް ނިންމާފައިކަމަށް ޓިމް ސޯޔަރ ވިދާޅުވިއެވެ.
ކަސްޓަމަރުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެބޭންކުން ކެނޑިނޭޅި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ޓިމް ވަނީ ދެއްވާފައެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ބޭންކުން ކަސްޓަމަރުންނަށް ލޯނު ދޫކޮށް އިޤްތިޞާދު ނެގެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަންވެސް ޓިމް ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެންނަށް ކޯވިޑް ގެ ބަލިމަޑުކަމުން ސަލާމަތްވެވުނު. އަޅުގަނޑުމެންނަށް ލޯނު ދޫކުރެވުނު، މުހިންމު ހިދުމަތްތައް ފޯރުކޮށްދެވުނު، އަދި ގައުމުގެ އިގްތިސާދު ނެގެހެއްޓުމަށް އެހީތެރިވެވުނު، ދަރަނި މަދުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުނު. ރާއްޖެއަށް އެންމެ ދަތިއުނދަގޫ ދުވަސްތައް ކުރިމަތިވި އިރު ބީއެމްއެލް ވަނީ ގައުމުގެ އިގްތިސާދު ހިފެހެއްޓުމަށް ސާބިތުކަމާއެކު މަސައްކަތްކޮށްފައި." ޓިމް ވިދާޅުވިއެވެ.
ޓިމް ވިދާޅުވީ، ފާއިތުވި އަހަރު މުހިންމު ލޯނުތަކުގެ ރޭޓްތައް ބޭންކުން ދަށްކުރި ނަމަވެސް، ބޭންކަށް ލިބުނު ފައިދާވަނީ ފާހަގަކޮށްލެވޭފަދަ މިންވަރަކަށް އިތުރުވެފައިވާކަމަށެވެ. މިގޮތުން ކުރީއަހަރަށްވުރެ %470 އިތުރުވެ، ޓެކްސް އަށް ކެނޑުމަށްފަހު 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ބީއެމްއެލްއިން އަހަރުގެ ކުރީކޮޅު ދޫކުރި އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން 2021ވަނަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ޙިއްސާދާރުންނަށް 258މިލިއަން ރުފިޔާ ލިބޭނެއެވެ. ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާގެ އިތުރުން 2021ވަނަ އަހަރުގެ ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ލިބިގެންދާނެއެވެ. 2020ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ.