ތިލަދުންމަތީގައި ކުރޫޒު ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖްލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަޙުމަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިިނިސްޓަރ މަޢުސޫމް ވިދާޅުވީ ކުރޫޒު ޓޫރިޒަމަކީ ރާއްޖެއަށް ވަރަށް ފަހިވާން ޖެހޭ ޓޫރިޒަމެއް ކަމަށެވެ. އެގޮތުން ތިލަދުންމައްޗަށް ކުރޫޒު ޓޫރިޒަމް ގެނައުމަށް މަސައްކަތްކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޓޫރިޒަމް މިނިސްޓްރީން ކެރިބިއަން ކުރޫޒާވެސް މަޝްވަރާކުރި.، 2023ގެ ތެރޭގައި ތިލަދުންމައްޗަށް ކުރޫޒު ޓޫރިޒަމް ގެނެވޭތޯ މަސައްކަތްކުރަމުން މިދަނީ.، އެބޭފުޅުންނާއި އަދި ރާއްޖޭގެ ކުރޫޒު އޮޕަރޭޓުކުރާ އެޖެންޓަކާއި އެއްކޮށް، ކުރެވުނު މަޝްވަރާގެ އަލީގައި ކުރޫޒުލައިނަރ ކޯލް ކުރާނެ ތަންތަން އައިޑެންޓިފައި ކުރެވިފައިވަނީ.،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ހުރި ބައެއް ޤަވާއިދުތަކުގެ ސަބަބުން ކުރޫޒު ޓޫރިޒަމް ކުރިއެރުވުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ޤަވާއިދަށް ބަދަލުތަކެއް ގެނައުން މުހިންމުކަމަށް ޓޫރިޒަމް މިިނިސްޓަރ ވިދާޅުވިއެވެ.
"ރާއްޖެއަށް ބޭރު މީހެއް ޕާސްޕ÷ޯޓުގައި އެތެރެވުމަށްފަހު ޓޫރިސްޓެއްވެއްޖެއްޔާ އޭނައަށް ރަށްރަށަށް ދިޔުމުގެ އިޚްތިޔާރު ލިބެންޖެހޭ، މިވަގުތު ހުރި ބައެއް ގަވާއިދުތަކުގެ ތެރެއިން އެމަގު އެބަ ހަނިކުރޭ،" މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއަކީ ކުރޫޒުލައިނަރތައް މަދުން ނަމަވެސް އަންނަ ޤައުމެކެވެ. މިގޮތަށް އަންނަ ކުރޫޒުލައިނަރތައް އާއްމުގޮތެއްގައި މިހާރު ބަނދަރުކުރަނީ މާލެއަށެވެ.