ޚަބަރު

އެސްޓީއޯގެ ހޮޓާ ތަރައްޤީކުރަން އިންވެސްޓަރަކު ހޯދައިފި


ހުޅުމާލޭގައި އެސްޓީއޯއިން ހަދަން ފަށާފައިވާ ހޮޓާ ތަރައްގީކުރަން އެޗްޑީސީން އިންވެސްޓަރަކު ހޯދާފައިވާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ، ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު އެސްޓީއޯގެ ހޮޓާ ގަތުމަށް އިންވެސްޓަރަކު ހަމަޖެހުނު ކަމަށެވެ. އެހެން ނަމަވެސް ސޮއިކުރަން ކައިރިވެފައި އޮތްވާ، ކޯވިޑާއި ގުޅިގެން އެ ހޮޓަލަށް އިންވެސްޓުކުރަން އިންވެސްޓަރު ބޭނުންނުވީކަމަށް އަމްރު ވިދާޅުވިއެވެ.

"ސޮއިކުރަން ނިންމާފައި އޮތީ ޖެނުއަރީ، ފެބްރުއަރީ ހިސާބު، އެހެން އޮތްވާ ކޯވިޑު 19 އައުމާއި ގުޅިގެން އިންވެސްޓަރު ޓޫރިޒަމް އިންޑަސްޓްރީއަށް މިވަގުތު އިންވެސްޓުކުރަން ބޭނުން ނުވާކަމަށް އަޅުގަނޑުމެންނަށް އެންގި" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އިންވެސްޓަރު އެހެން އެންގުމުން ދެން މަސައްކަތް ފެށީ އެހެން ގޮތަކަށް އެ މަސައްކަތް ކުރިއަށްގެންދިޔުމަށް ކަމަށެވެ. އެގޮތުން އެޗްޑީސީ އާއި އެކު އެއްބަސްވުމަކަށް އައިސް، އެޗްޑީސީން މިހާރު އިންވެސްޓަރަކު ހޯދާފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

"މިހާރުވާނީ އެޗްޑީސީއާއި އެކީގައި އެރޭންޖުމަންޓަކަށްވެސް އައިއްސަ، އެޖްރިމަންޓަކަށްވެސް އައިސަ، އެޗްޑީސީން އިންވެސްޓަރަކު ހޯދައިފި، އެކަން ނިމުމާއި އެކީގައި، އެސްޓީއޯއަށް އެ ހޮޓަލުން އަތް ދޫކޮށްލެވޭނެ،" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހަދަން ފަށާފައިވާ ހޮޓާލަކީ 5 ތަރީގެ ހޮޓަލެކެވެ. މިތަން ހުންނަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ. މި ހޮޓަލަކީ ރެޑިސަން ބްލޫއާއެކު އެސްޓީއޯއިން ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ތަރައްޤީކުރަމުންދިޔަ ހޮޓަލެކެވެ.

މިހޮޓާ ތަރައްޤީކުރުމުގެ މަސައްކަތަށް ތައިލެންޑުގެ އެގްޒިމް ބޭންކުން ވަނީ 10 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައެވެ. ނަމަވެސް ޢިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެން ހޮޓަލުގެ މަސައްކަތް ހުއްޓާލިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން ދިޔައީ މި ހޮޓާ ވިއްކާލުމަށް މަސައްކަތްކުރަމުންނެވެ.