ޚަބަރު

މިފްކޯއިން، މަސްދަޅުގެ އަގަށް ބަދަލު ގެނެސްފި


ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމާއެކު، މިފްކޯގެ އުފެއްދުންތަކުގެ އަގުތަކަށް ބަދަލު ގެނެސްފިއެވެ. މިފްކޯއިން ވަނީ އެކުންފުނިން ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަން ނިމުމުން އަގުތަކަށް ބަދަލު ގެންނާނެކަން ކުރިންވެސް ހާމަކުރައްވާފައެވެ.

މިފްކޯއިން އަގަށް ގެނެސްފައިވާ ބަދަލުތަކާއެކު މަސް ކޭހެއްގެ އަގުވަނީ ތެޔޮ މަސްދަޅު ކޭސްއަކުން 150ރ ބޮޑުކޮށްފައެވެ. މީގެ ކުރިން މިފްކޯއިން މަސް ކޭސްއެއް ވިއްކާފައި ވަނީ 610ރ އަށެވެ. އެހެންކަމުން މަސް ދަޅަކުން ގާތްގަނޑަކަށް 3ރ ވަނީ ބޮޑުވެފައެވެ.

އަގަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމާއި ގުޅިގެން މަސް ދަޅު އުފެއްދުމަށް ކުރަންޖެހޭ ޙަރަދުވެސް ބޮޑުވެފައިވާ ކަމަށެވެ.

"މިގެނައި ބަދަލާއި އެކުވެސް ކުރިންވެސް މިފްކޯއަށް ފައިދާ ޖެހުނު ވަރަށް ފައިދާ ވާނީ، ހަރަދުތަކަށް އައި ބަދަލުތަކަށް ބަލާފައި މި ބަދަލުގެނައި، ދަޅަށް އަޅާ ތެލާ، ޑިސަލް ތެލާއި، ޕެކިން މެޓީރިއަލްގެ އަގުތައްވަނީ އުފުލިފައި،" އިސްމާޢީލް ވިދާޅުވިއެވެ.

މިފްކޯގެ ހުރިހާ އުފެއްދުންތަކުގެ އަގަށްވެސް ވަނީ ބަދަލުތަށް ގެނެސްފައެވެ. ޔޫކްރެއިން – ރަޝިއާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައްވަނީ ވަރަށްބޮޑަށް އުފުލިފައެވެ. ޚާއްސަކޮށް ޕެޓްރޯލާއި ޑީސެލްގެ އަގުތައްވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
އިސްމާޢީލް ފާހަގަކުރެއްވި ގޮތުގައި އެކުންފުނީގެ އޮޕަރޭޝަން ޚަރަދުގެވެސް ބޮޑުބައެއް ހޭދަވަނީ ޑީސަލްއަށް ކަމަށެވެ.

"9ރުފިޔާއިން އިން ފެށިގެން މިހާރު 14.24ރުފިޔާއަށް ޑީސަލް ތެޔޮ ލިބެނީ، އޮޕަރޭޝަން ކޯސްޓުގެ ވަރަށް ބޮޑު ބައެއް ޑީސަލް އަކީ، ގާތްގަނޑަކަށް %70 އަކީ ޑީސަލްއަށް ކުރާ ޚަރަދު،" އިސްމާޢީލް ވިދާޅުވިއެވެ.

މިފްކޯއިންވަނީ މަސްވެރިންގެއަތުން މަސް ގަންނަ އަގު ބޮޑުކޮށްފައެވެ. އެގޮތުން މަސް ކިލޯއެއްގެ އަގު 16ރުފިޔާއިން 17ރުފިޔާއަށް ބޮޑުކޮށްފައިވެއެވެ. މިއާއެކުވެސް މަސްދަޅު އުފެއްދުމަށް ކުރަންޖެހޭ ހޭދަ ވަނީ އިތުރުވެފައެވެ.

ދަޅުމަހުގެ އުފެއްދުންތަކުގެ އަގަށް ބަދަލު ގެނެސްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެއް އެއް އަގެއްގައި ހިފެހެއްޓުމަށްފަހުގައެވެ. މިފްކޯއިން ވިދާޅުވީ އަގަށް މިގެނައި ބަދަލަކީ ކަސްޓަމަރުންނަށް ވިވަގުތަށް މި އުފެއްދުންތައް ފޯރުކޮށްދެވެންހުރި އެންމެ ރަނގަޅު އަގުކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެއަގަށް ހެޔޮ ބަދަލެއް އައިސް، ދަޅުމަސް އުފެއްދުމަށް ކުރަންޖެހޭ ޚަރަދު ކުޑަވާ މިންވަރަކުން އަގުތަކަށް ހެޔޮ ބަދަލުތައް ގެންނާނެ ކަމަށްވެސް މިފްކޯއިން ވިދާޅުވެއެވެ.