ވިޔަފާރި

ރިސޯޓް ސަޕްލައިއަށް ހާއްސަ "އެސްޓްރަބޮން އެކްސްޕޯ" އަންގާރަދުވަހު ފަށަނީ


ރިސޯޓް ސަޕްލައި އިންޑަސްޓްރީއަށް އަމާޒުކޮށްގެން ބާއްވާ "އެސްޓްރަބޮން އެކްސްޕޯ" މިހަފްތާގެ އަންގާރަދުވަހު ފަށާނެއެވެ.

އެސްޓްރަބޮން ކުންފުނިން އިންތިޒާމްކުރާ 'އެސްޓްރަބޮން އެކްސްޕޯ" ޖޫންމަހުގެ 7 ވަނަ ދުވަހު ފަށާއިރު، މި އެކްސްޕޯއަކީ އެސްޓްރަބޮން ކުންފުނިން އެފް އެންޑް ބީ ދާއިރާ އަދި ރިސޯޓް ސަޕްލައި ދާއިރާއަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ކުރިއަށް ގެންދާނީ މާލޭގެ މެންހަޓަން ބިޒްނަސް ހޮޓަލުގައެވެ.

އެކުންފުނިން ބުނީ މި އެކްސްޕޯއަކީ މިހާރު ފުޅާވަމުން އަންނަ ރިސޯޓް ސަޕްލައި އަދި އެފް އެންޑް ބީ ދައިރާގެ ސާމާނުތަކަށް ހާއްސަ އެކްސްޕޯއެއް ކަމަށެވެ. އަދި މިއީ މިބާވަތުގެ އެންމެ ބޮޑު އެކްސްޕޯއަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އެސްޓްރަބޮން ކުންފުނިން ބުނެއެވެ.

އެސްޓްރަބޮން ކުންފުނީގެ ސީއީއޯ ޔޫސުފް ރިއްފަތު ވިދާޅުވީ އެކުންފުންޏާއި ގުޅުން ހުރި 8 ސަޕްލަޔަރެއްގެ ޕްރޮޑަކްޓް މި އެކްސްޕޯގެ ތެރެއިން ޝޯކޭސް ކުރެވޭނެ ކަމަށެވެ. އަދި އެސްޓްރަބޮންގެ ބައިނަލްއަޤްވާމީ އެހެން ބްރޭންޑްތައްވެސް މި އެކްސްޕޯގެ ތެރެއިން ދައްކާލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިއެކްސްޕޯގައި ބަދިގެ ސާމާނާއި، އެފްއެންބީ އެކްސެސަރީސްގެ އިތުރުން، ލޯންޑްރީ އަދި ބައެއް ހިފާ ގެންގުޅޭ ސާމާނު ދައްކާލާނެއެވެ. އެކްސްޕޯ ކުރިއަށް ދާނީ މިހަފްތާގެ އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 10:00 އިން 5:00 އަށެވެ. އަދި އެކްސްޕޯގެ ފަހު ދުވަސް ކަމަށްވާ ޖޫން 9 ވާ ބުރާސްފަތި ދުވަހު ކުރިއަށް ދާނީ 10:00 އިން ހަވީރު 3:00 އަށެވެ.

އެސްޓްރަބޮންއިން ބުނިގޮތުގައި، އެކުންފުނީގެ އަމާޒަކީ ރިސޯޓް ސަޕްލައި އިންޑަސްޓްރީ އެއްކޮށް ބަދަލުކޮށްލުން ކަމަށާއި، މިކަމަށް މިފަދަ އެކްސްޕޯއެއްގެ ސަބަބުން މަގުފަހިކޮށްދޭކަމަށެވެ. އަދި ވިޔަފާރިތަކާއި އާންމު ފަރާތްތައްވެސް އެކްސްޕޯގެ ތެރެއިން ގުޅުވާލެވޭނެކަމަށް އެކުންފުނިން ބުނެއެވެ.