ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ސަބްސިޑީގެ އެހީތެރިކަމުގެ ސަބަބުން ސަރަހައްދުގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި ތަކެތީގެ އަގު އުފުލުން ހުރީ ދަށް މިންވަރެއްގައިކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.
ވޯލްޑް ބޭންކުން ނެރެފައިވާ “ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓް” ރިޕޯޓުގައިވާ ގޮތުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއިއެކު، ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ އިޤްތިޞާދީ ދުވެލި ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދުވެސް ކުރިއަރާ މިންވަރު 11 އިންސައްތައިން 7.1 ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރެއެވެ.
މިއީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބަން އެ ސަރަހައްދުގެ ފަތުރުވެރިންގެ އަދަދު މަދުވުމާއި އަދި ފަތުރުވެރިކަމުގެ ދާއިރާއަށް މީގެ ކުރިން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިންވެސްޓްމެންޓްތައް މަދުވާނެ ކަމަށް ބެލެވޭތީ ގެނައި ބަދަލެއްކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
މިއާއެކު ދެކުނު އޭޝިއާގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް އިންފްލޭޝަން މައްސަލަ ނުވަތަ ތަކެތީގެ އަގުބޮޑުވާ މައްސަލަ ފޯރާނެކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ސަރަހައްދުގެ އެހެން ޤައުމުތަކާއި އަޅައިބަލާއިރު ރާއްޖޭގެ އިންފްލޭޝަން 1 އިންސައްތައިގައި ހިފެހެއްޓިފައިވާކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. އަދި މިގޮތަށް ހިފެހެއްޓިފައިވަނީ ސަރުކާރުން ދެމުންދާ ސަބްސިޑީތަކުގެ ސަބަބުންކަމަށް ވޯލްޑް ބެންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭ ޑޮލަރު ރޭޓް ހިފެހެއްޓިފައި ހުރުމަކީވެސް ތަކެތީގެ އަގު މާބޮޑަށް އުފުލުނަނުދީ ހިފަހައްޓަން ލިބުނު އެހީއެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން މިވަގުތު ހުރީ ރަނގަޅު ހިސާބެއްގައެވެ. އެހެން ކަމުން ރާއްޖޭ އިޤްތިޞާދު މާބޮޑަށް ދަށަށް ނުގޮސް ހިފެހެއްޓުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ސަރުކާރުން ލަފާކުރައްވައެވެ.
ކޯވިޑަށްފަހު ދުނިޔޭގެ އިގްތިސާދު އިޔާދަވަމުންދަނިކޮށް، އިގްތިސާދު އަނެއްކާވެސް ދަށަށް ދާންފެށި ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އަދި ތަކެތީގެ އަގު އުފުލުމުގެ މައިގަނޑު ސަބަބަކީވެސް އެއީކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ބުނެއެވެ..