މިއަހަރު ދުނިޔޭގެ ކަނޑުތަކުގެ ދުވަސްފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން “މެރިކަލްޗަރ ތަމްރީނު ޕްރޮގްރާމެއް” އިފްތިތާހުކޮށްފިއެވެ.
މެރިކަލްޗަރ ތަމްރީނު ޕްރޮގްރާމު އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ދިވެހީންނާއި ކަނޑުތަކާއި އޮތް ގުޅުމާއި، ރާއްޖެ އިޤްތިސާދީގޮތުން ތަރައްޤީވެގެންދާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ފަރުތައް ހިމާޔަތްކުރުމުގެ މުޙިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
"އަޅުގަނޑުމެންނަށްޓަކައި ފަރުތަކުގައި ހުރި ދިރުންތައް އަޅުގަނޑުމެންގެ އިޤްތިޞާދީ ބޭނުންތަކަށްޓަކައި ބޭނުން ކުރުމަށް މި ތައްޔާރުވަނީ ދެމެހެއްޓެނިވި ގޮތެއްގައި. އެހެންކަމުން މިއަދު މި ކޯހުގައި ބައިވެރިވަޑައިގަންނަވާ ބޭފުޅުންނަކީ ހުރިހާ ގޮތަކުން ވެސް ވަރަށް މުހިންމު މަސައްކަތެއް މި ރާއްޖޭގައި ކުރުމަށް ތައްޔާރުވާ ބޭފުޅުންކޮޅެއް ކަމުގައި އަޅުގަނޑު ދަންނަވަން،" މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޝާފިޔާ ނަޢީމް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން އެހެނިހެން ސިނާއަތްތައް ވެސް ކުރިއަރުވަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ރާއްޖޭގެ އިޤްތސާދަށް މަންފާ ކުރުވާ މަސައްކަތެއްގެ ގޮތުން މެރިކަލްޗަރ ތަޢާރަފްކޮށް ކުރިއަށް ގެންދިއުމަށް. ރާއްޖޭގެ މިކަން ކާމިޔާބުކޮށް ދުނިޔޭގެ ފެންވަރުގައި ނަގާ ކިޔޭ ޤައުމަކަށް ވާން އެކަށޭނެ މާހައުލެއް އެބައޮތް،" ޝާފިޔާ ވިދާޅުވިއެވެ.
ޝާފިޔާ ވިދާޅުވީ މި ކޯހަކީ މެރިކަލްޗަރ ކޯސްތަކުގެ ފުރަތަމަ ފިޔަވަހި ކަމަށާއި، މުސްތަޤްބަލްގައި އެކްރެޓިޑް ކޮށްފައިވާ ކޯސްތައް ވެސް ހިންގުމުގެ ވިސްނުން ހުރި ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން މެރިކަލްޗަރ ދާއިރާއިން ތަމްރީނު ކޯސްތަކެއް ހިންގުމުގެ އަމާޒަކީ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީކުރުމަށްޓަކައި މީހުން ބިނާ ކުރުމެވެ. މި ފަދަ އިތުރު ކޯސްތަށް މުސްތަޤުބަލުގައި ހިންގާނެ ކަމަށާއި އެ ޕްރޮގްރާމްތައް ހިންގާނ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
މެރިކަލްޗަރ ތަމްރީނު ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީގެ ދަށުން ހިންގާ “ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް” މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް މެރިން ރިސާރޗް ސެންޓަރުގެ ފަރާތުން ކ.މަނިޔަފުށީގައި ހުންނަ ޓްރެއިނިންގް އެންޑް ރިސާރޗް ސެންޓަރުގައެވެ.
މިއަދު ފެށި ބޭސިކް މެރިކަލްޗަރ ކޯސް އަމާޒުކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީން މެރިކަލްޗަރ ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ، ސަރަހައްދީ ހެޗަރީ ޤާއިމްކުރުމުގެ ޕްރޮގްރާމްގައި ހިމެނޭ ހއ.ފިއްލަދޫ، އދ.އޮމަދޫ، މ.ވޭވަށް، ފ.ދަރަނބޫދޫ އަދި ތ. ވަންދޫއަށެވެ. 8 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިކޯހުގައި މިރަށްތަކުން 15 ބައިވެރިވެއެވެ.
މިކޯހުގެ ބައިވެރިންނަށް މެރިކަލްޗަރ ކުރުމުގެ އަސާސީ މައުލޫމާތުތަކާއި މެރިކަލްޗަރ ކުރުމުގެ އަމަލީ މަސައްކަތް ވެސް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.