ވިޔަފާރި

ޔޫއެންޑަބްލިއުޓީއޯ ސަމިޓް މިމަހުގެ 14އިން 16އަށް


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދާ ޔޫއެންޑަބްލިއުޓީއޯގެ ބްލޯބަލް ސަމިޓް މިމަހުގެ 14އިން 16އަށް އޮންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި ހަރަކާތުގައި ކުރިއަށްދާ އެންމެ ބޮޑު އެއް ހަރަކާތްކަމަށްވާ ގްލޯބަލް ސަމިޓް އޮންނަނީ މިމަހުގެ 15ވަނަ ދުވަހު ދުވަހުއެވެ.

މިކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމް ވިދާޅުވީ، މި ޝަމިޓްގައި ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކަކުން ބައިވެރިވާނެކަމަށެވެ. އަދި އުންމީދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި ފަތުރުވެރިން އައުމަށް ބާރުއެޅިގެންދާނެކަމަށެވެ.

"ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް މިފެށެނީ 15ވަނަ ދުވަހު. އޯޕަނިންގ ހަފްލާއަށްފަރު ހައިލެވެލް ބޭފުޅުން ހިމެނޭ ޑިސްކަޝަނެއް އޮންނާނެ. ތަފާތު 3 ސެޝަނެއް އޮންނާނެ. އެއް ޝެޝަންއަކީ އެގްރޯ ޓޫރިޒަމް، ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް. އަނެއް ސެޝަންއަކީ ގެސްޓްރޮނޮމީ ޓޫރިޒަމް. 3 ސެޝަންވެސް ވަކިވަކި 3 ސެޝަންގެ ގޮތުގައި އޮންނާނީ." މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ފަރާތްތަކުން ބައިވެރިވާނެއެވެ. އޭގެތެރޭގައި ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލްއާއި، ޕާޓާގެ ސީއީއޯގެ އިތުރުން، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫންއާއި ފިޝަރީޒް މިނިސްޓަރ ހުސައިން ރަޝީދު ހަސަން ހިމެނިވަޑައިގަންނަވައެވެ.