ޚަބަރު

އެމްޓީޑީސީގެ ޢާމްދަނީ އިތުރުކުރުމަށް އޮފީސް ޢިމާރަތެއް ތަރައްޤީކުރަނީ


މޯލްޑިވްސް ޓުއއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ލިބޭ ޢާމްދަނީ އިތުރުކުރުމަށް އޮފީސް ޢިމާރަތެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެމްޓީޑީސީގެ އަހަރީ ޢާންމު ޖަލްސާގައި އެކުންފުނިން ހުށަހެޅި މާލީ ރިޕޯޓުގައި ބުނެފައިވަނީ ކުންފުންޏަށް ޢާމްދަނީ ލިބޭނެ އިތުރުގޮތްތައް ހޯދުމަށްޓަކައި ހުޅުމާލޭގައި އޮފީސް ޢިމާރާތެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިކަމަށްޓަކައި ހުޅުމާލެއިން 6000 އަކަފޫޓުގެ ބިމެއް ގަނެފައިވާ ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މިކަން ފެށުމަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތަކީ އޮފީސް ޢިމާރާތުގެ ކޮންސެޕްޓު ޑިޒައިންގެ މަސައްކަތާއި، ޢިމާރާތްކުރުމަށް ބޭނުންވާ ހުއްދަތައް ނެގުމުގެ މަސައްކަތްކަމަށް އެމްޓީޑީސީން ވިދާޅުވެއެވެ. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، މިއަހަރުގެ ފަހު ކުއާޓަރގެތެރޭގައި އޮފީސް ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް އެމްޓީޑީސީން ވިދާޅުވިއެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި އެމްޓީޑީސީން ގަނެފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީ އޮތް ހުސްބިމެކެވެ.

އެމްޓީޑީސީއަށް މިހާރު އާމްދަނީ ލިބެނީ އެކުންފުނިން ކުއްޔަށް ދީފައިވާ ދެރަށަކުންނެވެ. އެއީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫއެވެ. މީގެއިތުރުންވެސް އެކުންފުނިން ދަނީ ހދ.އަތޮޅުގައި ރިސޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތްކުރަމުންނެވެ. ހދ. ނާގޯށީގައި ތަރައްޤީކުރާ ރިސޯޓުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށި، 2024ވަނަ އަހަރުތެރޭ އެ ރިސޯޓު ހުޅުވާނެ ކަމަށްވެސް އެމްޓީޑީސީން މައުލޫމާތުދެއްވައެވެ. މި ރިސޯޓު ހުޅުވުމާއެކު، ކުންފުންޏަށް ލިބޭ ޢާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އެމްޓީޑީސީން ވިދާޅުވެއެވެ.

ގިނަ ދުވަސްތަކެއްވަންދެން ގެއްލުމުގައި ހިންގަމުންދިޔަ އެމްޓީޑީސީއަށް މިދިޔަ އަހަރުވަނީ ރެކޯޑު ޢަދަދެއްގެ ފައިދާއެއް ލިބިފައެވެ. އެގޮތުން ޓެކްސްއަށް ކެނޑުމަށްފަހު މިދިޔައަހަރު އެމްޓީޑީސީއަށް ފައިދާގެ ގޮތުގައި 211.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2020ވަނަ އަހަރު ލިބުނު ފައިދާގެ ޢަދަދު ކަމުގައިވާ 50.8 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، 160.9 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުއްޔައް ދޫކޮށްފައިވާ ރަށްތަކާއި ގުޅިގެން ސަބްލީޒްގެ ސާފު އިންވެސްޓުމަންޓު ރެކޯޑު ކުރަން ނިންމުމާ ގުޅިގެން ލީސް މޮޑިފިކޭޝަންގެ ސާފު ފައިދާ އިތުރުވެގެން ދިޔުންކަމަށް އެމްޓީޑީސީން ހާމަކުރައްވައެވެ.