ޚަބަރު

ޖާނަލިޒަމް އެވޯޑް މިފަހަރު 7 ކެޓަގަރީއަކުން ދެއްވަނީ


މިއަހަރުގެ ނޫސްވެރިކަމުގެ އެވޯރޑް ތަފާތު 7 ކެޓަގަރީއަކުން ދިނުމަށް ނިންމަވައި އެ އެވޯޑަށް ކުރިމަތިލެއްވުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލުން ހުޅުވާލައްވައިފިއެވެ.ނޫސްވެރިކަމުގެ އެވޯރޑް ދިނުން އޮންނާނީ މިއަހަރު ނޫސްވަރިކަމުގެ މިނިވަންކަމުގެ ދުވަސްކަމުގައިވާ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭންފެށި ނޫސްވެރިކަމުގެ އެވޯރޑް ދޭން ފަށާފައިވަނީ 2013 ވަނަ އަހަރުގައެވެ. ވޭތުވެދިޔަ 2 އަހަރު މި އެވޯރޑް ދީފައިވަނީ 3 ދާއިރާއަކަށް ބަހައިލައިގެންނެވެ. މި އެވޯރޑް މިހާތަނަށް ދެމުން އައިސްފައިވަނީ އެ އަހަރެއްގެ އެންމެ މޮޅު ޓީވީ، ރޭޑިއޯ އަދި އޮންލައިން ނޫސްވެރިޔާއަށެވެ. އެހެންމަވެސް މިއަހަރު މި އެވޯރޑް ދޭ ގޮތަށް މީޑިއާ ކައުންސިލުން މިވަނީ ބަދަލްގެންނަވާފައެވެ. ރޭޑިއޯ، ޓީވީ، އޮންލައިން އެންމެ މޮޅު ނޫސްވެރިޔާ ހޮވުމުގެ ބަދަލްގައި މި 3 މީޑިއަމް އެއްކޮށްލުމަށްފަހު މިފަހަރުގެ އެވޯރޑް ދޭން ނިންމާފައިވަނީ 7 ކެޓަގަރީއަކުން އެންމެ މޮޅު ރިޕޯޓްތައް ލިޔުނު ނޫސްވެރިންނަށެވެ. މިގޮތުން މިފަހަރުގެ އެވޯރޑަށް ގެނައި ބަދަލައާއި އެކު އެވޯރޑް ދިނުމަށް ހަމަޖެހިފައިވަނީ އިޖުތިމާއީ ރިޕޯޓިން، ސިޔާސީ ރިޕޯޓިންގ، ވިޔަފާރިއާއި އިގްތިސޯދީ ރިޕޯޓިން، ކޯޓް ރިޕޯޓިން، ކުޅިވަރު ރިޕޯޓިން އަދި  ފޮޓޯ ޖާނަލިޒަމް އަދި ވީޑިއޯ ޖާރަނަލިޒަމް މި ދާއިރާތަކުންނެވެ.  މީޑިއާ ކައުންސިލުން ރައީސް މުޙައްމަދު ޢާސިފް ވިދާޅުވީ، އެވޯރޑަށް ބަދަލްގެނައީ ކަމާގުޅޭ ދައިރާތަކާއި އެކު މަޝްވަރާކުރެއްވުމަށްފަހު ލިބުނު ހިޔާލްތަކާއި އެކުކަމަށެވެ. އަދި މި ބަދަލާއި އެކު ތަފާތު ދާއިރާތަކުން ރިޕޯޓްކުރާ ނޫސްވެރިންގ އުފެދިގެން ދިޔުމަކީ މީޑިއާ ކައުންސިލްގެ އަމާޒެއްކަމަށްވެސް އާސިފް ވިދާޅުވިއެވެ. މިއަހަރުގެ އެވޯރޑަށް ކުރިމަތިލާ ފަރާތަކުން ހުށައަޅަން ޖެހޭނީ މިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ޑިސެމްބަރ މަހުގެ ނިޔަލަށް ހަދާފައިވާ ރިޕޯޓްތަކެވެ. އަދި އެވޯރޑަށް އެއް ނޫސްވެރިޔަކަށް އެކި ދާއިރާތަކުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ. އެވޯރޑަށް ކުރިމަތިލުމުގެ ގަވައިދާއި ހުށައަޅަންޖެހޭ ތަކެތީގެ ތަފްސީލްގެ އިތުރުން ކުރިމަތިލާންޖެހޭ އެންމެ ފަހުގެ ތާރީހް ވަރަށް އަވަހަށް އާއްމުކުރައްވާނޭކަމަށް ވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ. މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އެވޯރޑް މިދިޔަ އަހަރު ހާސިލްކޮށްފައިވަނީ އޮންލައިން ދާއިރާއިން ހަވީރުގެ ނޫސްވެރިޔާ މުހައްމަދު ހަމްދޫން އެވެ. އަދި ޓީވީ ދައިރާއިން މިދިޔަ އަހަރުގެ އެވޯރޑް އުފުލާލާފައިވަނީ ވީޓީވީގެ ނޫސްވެރިޔާ އަލީ ސުލައިމާން އެވެ.