ޚަބަރު

"ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތަކުން"


  • ތަފާތުވުންތަކާއި ކުރިމަތިލާން ދަސްކޮށްދިނުމުގެ ހުނަރަކީ މުޖުތަމަޢުގައި ބޭނުންތެރިކަމެއް

  • ޚިޔާލު ފާޅުކުރުމުގެ ޤާބިލުކަން ނެތްނަމަ ޢިލްމާ ހުނަރުތައް އެންމެ ފުރިހަމަވީކަމުގައި ދެންނެވެން ނެތް

ހަރުދަނާ ޝަޚުސިއްޔަތަކަށް މީހާ ވާނީ ޢިލްމާ ހުނަރު ބޭނުންކުރާ ގޮތެއްގެ މަތީން ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔުނިއަނުން، އިންތިޒާމު ކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްދާ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި، އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަޙުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މިފަދަ މުބާރާތްތަކުން ދަރިވަރުގެ ކިބައިގައި އަށަގަންނުވައިދެނީ ޝަޚުސިއްޔަތެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތަކެއް ކަމަށާއި އަދި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސާބިތުކަން ދަމަހައްޓަން ވެސް ދަސްކޮށްދެވޭ ކަމަށެވެ. ތެދުވެރިކަމުގެ މާތް ސިފައާއި، ސާފު ތެދު މައުލޫމާތާއި، ޢިލްމީ ބުރަދަން ހުރި ވާހަކަތަކަށް ލޯބިކުރުން ފަދަ އެތައް ކަމެއް ދަރިވަރުންގެ ކިބައިގައި އަށަގަނެގެން ދިއުމުގެ އިތުރުން މިފަދަ މުބާރާތްތަކުގެ ސަބަބުން ޤައުމުގެ މުސްތަޤުބަލު އުޖާލާވެ، ހަރުދަނާ ދިވެހި ދަރީންތަކެއް އުފެދިގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ހީނާ ވިދާޅުވީ މިއީ ހެދިބޮޑުވަމުން އަންނަ ޖީލުތަކުގެ މެދުގައި ހަރުދަނާ ޝަޚުސެއް ބިނާކުރުމުގެ ތަރުބަވީ ހަރަކާތެއް ކަމަށާއި، މީގެ ސަބަބުން އިޙުތިރާމާއެކު ތަފާތު ޚިޔާލުތައް ބަދަލުކުރަން ދަސްކޮށްދެވޭއިރު އަނެކާގެ ވާހަކަ ކަނުލާ އަޑުއަހަން ދަސްކޮށްދެވޭ ކަމަށެވެ. އަދި އަޚުލާޤީ ހަމަތަކާ އުސޫލުތަކުގެ ދަށުން މުއާމަލާތް ކުރުމަށްވެސް ދަސްކޮށްދޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ބަދަލުވަމުންދާ ދުނިޔެއަކަށް ދަރިން ތަރުބިއްޔަތު ކުރާއިރު، ވިސްނާލަން ޖެހޭ މުހިންމު ކަންތައްތަކެއްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އުފެއްދުންތެރި ޚިޔާލާ ޢިލްމީ ވިސްނުންތަކުގެ އަލީގައި މުއާމަލާތް ކުރުމުގެ ހުނަރު އުފެދޭ ޖީލުތަކުގެ ކިބައިގައި އަށަގެންނެވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

އެގޮތުން ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމުގެ އުސޫލުތަކަށް ބަދަލު އައިކަމުގައި ވިޔަސް، ތަފާތުވުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމުގެ ހުނަރަކީ މިއަދުގެ މުޖުތަމަޢުގައި ވަކިން ޚާއްޞަ ގޮތެއްގައި ބޭނުންތެރި ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަރުދަނާ ތަޢުލީމާ ފަންނީ ހުނަރުތަކަކީ މުހިންމު އަސާސީ ކަންކަން ކަމުގައި ވިޔަސް، އަމިއްލަ ޚިޔާލު ފާޅުކުރުމުގެ ޤާބިލުކަން ނެތްނަމަ ލިބިހުރި ޢިލްމާ ހުނަރުތައް އެންމެ ފުރިހަމަވީކަމުގައި ދެންނެވެން ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިހެންކަމުން ދަރިވަރުންގެ ޚިޔާލުތައް އަޑުއަހާ އީޖާދީ ވިސްނުންތަކާ މަޝްވަރާތަކަށް ހިތްވަރު ދެއްވަންޖެހޭ. ސަބަބަކީ، މިކަމުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި ނަފުސުގެ އިޢުތިމާދު އަށަގަންނުވައިދޭކަން މީގެ އިތުރަށް ބަދަލުވަމުންދާ މި ދުނިޔެއަށް އަޅުގަނޑުމެން އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރަންޖެހޭ. އެ ބަދަލުތަކުގައި އުމުރުގެ ބޮޑުބައި ހޭދަކުރާނީ އެ ކުދީން ކަމަށްވާތީ." ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ކުރިއަށްދާ ވާހަކަ ދެއްކުމުގެ މުބާރާތާއި، ބަޙުސް މުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާއި، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، އައްޑޫ ސިޓީ ކައުންސިލު އަދި ދިވެހިބަހުގެ އެކެޑަމީއާއި ގުޅިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސްކޫލުތަކަށާއި، މުއައްސަސާތަކަށް ކުރިއަށްގެންދާ މުބާރާތެކެވެ.