ޚަބަރު

ވެލާ ކަހަނބުގެ ދިރުމަށް އެންމެ ނުރަކާވަނީ ޕްލާސްޓިކުން


ޕްލާސްޓިކޭ ބުނުމުން އެއިން އަޅުގަނޑުމެންނަށާއި ވަށައިގެންވާ ހުރިހާ ދިރޭއެއްޗަކަށް އޮތް ނުރައްކާ ބޮޑުކަން ނޭނގޭ އެކަކުވެސް މިއަދު ނުހުންނާނޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. ވަކިން ޚާއްސަކޮށް ކަނޑުގެ ދިރުމުގެ ދުވަހެއް، ނުވަތަ ތިމާވެށީގެ ދުވަހެއް އަދި މިފަދަ މިނޫން އެހެން ދުވަސްތަކުގައިވެސް އެންމެބޮޑަށް ދައްކާ އެއް ވާހަކައަކީ ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކައެވެ. އަދި އެކަން ހައްލު ކުރުމަށް ކުރާ މަސައްކަތަތަކުގެ ވާހަކައެވެ. ކަން މިހެން އޮތްނަމަވެސް މިކަމަށް އެދެވޭ ހައްލެއް އަދި އަމަލީގޮތުން އެދެވޭ ކަމެއް ކުރާތަން ފެންނަނީ ނިސްބަތުން ބަލާއިރު މަދުންނެވެ.

ކަނޑުގެ ދިރުމުގެ ތެރެއިން އެންމެ މަދުން ރާއްޖެއިން މިހާރު ފެންނަ އެއްބަވަތަކީ ވެލާ ކަހަނބެވެ. މިދިރުން މަދުވާ ދެ ސަބަބެއް އެބައޮތެވެ. އެއީ އެތަކެތި ހިފައި އޭގެ ވިޔަފާރި ކުރުމާ، ޕްލާސްޓިކުގެ ސަބަބުން އެދިރުމަށް ކުރާ ނޭދެވޭ އަސަރެވެ. ކަނޑުގައި އުޅޭ ވެލާ ކަހަނބުގެ ސިނކުޑި އެހާބޮޑެއް ނުވާނެއެވެ. އެގޮތުން ވެލާގެ ފެނުމުގެ ހިއްސު ދަށް ކަމަށާއި، ވެލާ ދަތުރުކުރާނީ މެގްނެޓިކް ފީލްޑަށް ކަމަށާއި، ވެލާ ކާން އަރަނީ ވަހަށް ބަލައިގެން ކަމަށް ވެލާގެ ދިރާސާތައް ކުރާ ފަރާތްތަކުން މަޢުލޫމާތުދެއެވެ.

ޕްލާސްޓިކުން ވެލާ ކަހަނބަށް ގެއްލުންލިބޭގޮތް

ވެލާ ކަހަނބު އާންމުކޮށް ކެއުމަށް ބޭނުންކުރާނީ މަހުގެ ބާވަތްތަކެވެ. އެހެން ނަމަވެސް ކޮންމެވެސްވަރަކަށް ގާގަލުގައި ހުންނަ ދިރޭ އެހެނިހެން ބާވަތްތައްވެސް ކައިހަދައެވެ. އާންމުކޮށް ކާ އެއްބާވަތަކީ ޖެލީފިޝް ނުވަތަ ފިރުއައުނުމުދަލުގެ ބާވަތްތަކެވެ. ކަނޑުގައި މިފަދަ ތަކެތި އުޅޭއިރު އަހަރެމެން އިންސާނުންނަށްވެސް ބައެއްފަަހަރު އެ ސިފަކުރެވެނީ ކުނި ގަނޑެއް ނުވަތަ ކޮތަޅުގަނޑެއްގެ ގޮތަށެވެ. ނުވަތަ އޮޅިފައި އޮންނަ ވާ ބޮނޑިއެއްގޮތަށެވެ. އެހެންވުމުން އަޅުގަނޑުމެން މޫދަށްއެއްލާލާ ޕްލާސްޓިކް ކޮތަޅުތަކާއި އެނޫންވެސް އެފަދަ ތަކެތި އޮޔާއެއްކޮށް ދާތަން ފެނި ވެލާ ކަހަނބު އެތަކެތި ކައު އުޅެއެވެ. އެއީ ދިރޭއެއްޗެއް ނޫންކަން ވެލައަށް ކަށަވަރުވަނީވެސް އެދިރުވާލާ ފަހުންނެވެ. މިގޮތަށް ކެއުމަށް މަސައްކަތް ކުރާއިރު އޭގެ ބޮލުގައި އޮޅިގެން ނޭވާ ނުލެވިގެންވެސް އެތައްވެލައެއް މަރުވެފައިވާކަމަށް ދިރާސާތަކުން ދައްކައެވެ.

ޕްލާސްޓިކަކީ ސަތޭކަ އަހަރުވަންދެން ފަނާނުވެ ހުންނަ ކުނީގެ ބާވަތެއްކަމަށް ދިރާސާތަކުން ދައްކައެވެ. އެހެން ކަމުން މޫދަށް އަޅާ ޕްލާސްޓިކް ދުވަސްވާވަރަކަށް އޭގެ ބައިބައި ވަކިވެ ކުދިކުދި އެތިކޮޅުތަކުގެ ގޮތުގައި އެތައް އަހަރަކަށް ދެމިހުރެއެވެ. ވަކިވާ މި ބައިތައް ކުދިކަމުން އެ ޕްލާސްޓިކްތައް ޕްލެންޓޮންސް ގޮތަށް ކަނޑުގެ ދިރުންތަކަށް ސިފަވެއެވެ. މީކަނޑުގެ ހުރިހާދިރުމެހެން ކެއުމަށް ބޭނުންކުރާ މައިގަނޑު އެއްކާނާއެވެ. އެހެންވެ އަނގަހުޅުވައިގެން ވެލާ އައިސް އެ ޕްލާސްޓިކްކޮޅުތައް ކާލައެވެ. ނަތީޖާއެއްގެ ގޮތުން އެޕްލާސްޓިކްތައް ފަނާނުވެ ހަޑިގަނޑުތެރޭގައި ހުރުމުން އެދިރުން ހެދިބޮޑުވުމަށް އެތައް ހުރަސްތަކެއް ކުރިމަތިވެއެވެ. އެގޮތުން ބަނޑުގައި ނުވަތަ ހަށިގަނޑުގައި ވައިހެދުމާއި ދިރިއޮންނަން އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. ކަނޑުގައި އުޅޭ ވެލާ ކަހަނބުގެ ތެރެއިން %52 ދިރުމަށް މިގޮތައް ގެއްލުންވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ހިތްގައިމު އަދި ނެތިހިނގައިދާނެކަމުގެ ބިރު ހީވެފައިއޮތް ދިރުން ހިމާޔަތް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަކީ މިހާރަށްވުރެ އިސްކަމެއް ދޭންޖެހިފައިވާ ކަމެކެވެ. ތިމާ ޕްލާސްޓިކް ބޭނުން ކުރާވަރު މަދުކޮށް މޫދަށް ޕްލާސްޓިކާއި ފަނާނުވާ ޒާތުގެ ކުނިއެޅުން ހުއްޓާލާށެވެ. އަދި ޕްލާސްޓިކް މަދުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައިވެސް ފަރުދީ ގޮތުންނާ ޖަމައީގޮތުން ބައިވެރިވެ އެކަން ކަމަށް އެއްބާރުލުންދީ އެފަދަކަންކަން ހުއްޓުވުމަށް މަސައްކަތްކުރަމާތޯއެވެ.