ޚަބަރު

އިހަވަންދޫ ބަލިކޮށް ނައިވާދޫއަށް ޒޯން ޗެމްޕިއަންކަން


  • އިހަވަންދޫގެ މައްޗަށް ނައިވާދޫން ކުރިހޯދީ 2-1 ގެ ނަތީޖާއަކުން

  • ނޯތު ޒޯން އެކެއްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ނައިވާދޫގެ ޝާއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕްގެ ނޯތު ޒޯން އެކެއްގެ ޗެމްޕިއަންކަން ހދ.ނައިވާދޫން ހޯދައިފިއެވެ.

ނައިވާދޫ އިން ޒޯން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިހަވަންދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ފަސް ޓީމު ހިމެނޭ މި ޒޯންގެ ކުޅުން ކުރިއަށްދިޔައީ ނައިވާދޫގައެވެ. މި ޒޯނުގައި ދެން ހިމެނޭ ޓީމުތަކަކީ ހއ. ފިއްލަދޫ، ހދ. ހަނިމާދޫ، ށ. ކަނޑިތީމުއެވެ.

މި މެޗުގައި ނައިވާދޫއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން މުހައްމަދު އަސްލަމް ޖެހި ގޯލުންނެވެ. އަދި ނައިވާދޫން ޖެހި ދެވަނަ ގޯލަކީ އިހަވަންދޫގެ ކެޕްޓަން އިބްރާހީމް ހާމިދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި އިހަވަންދޫން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގެ ފަހު މިނިޓްގައި ބިދޭސީ ކުޅުންތެރިޔާ އަހްމަދު އެލަސައީދުއެވެ.

މި ޒޯނުގެ ފެއާ ޕްލޭ ކުޅުންތެރިޔަކީ ކަނޑިތީމުގެ އިބްރާހީމް ނަދާދުއެވެ. އަދި ފެއާ ޕްލޭ ޓީމަކީ ކަނޑިތީމެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ހަނިމާދޫގެ މުހައްމަދު ސަމްހާންއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކީ ނައިވާދޫގެ މުހައްމަދު ޝާއިން (ޝާއިންޓެ)އެވެ.

ނޯތު ޒޯން އެކެއްގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އިހަވަންދޫގެ ހާމިދު، އެލްސައީދު، ނައިވާދޫގެ އަހްމަދު ހަމީދު، ޝާއިން އަދި ގޯލްކީޕަރު އިބްރާހީމް ނާޖިހުއެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔަކީ ނައިވާދޫގެ ޝާއިންއެވެ.