ވިޔަފާރި

ޖަރުމަނުވިލާތުގެ މަޝްހޫރު މެގަޒިނަކާއެކު އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރަނީ


ޖަރުމަނުވިލާތުގެ މަޝްހޫރު މެގަޒިން "ކޮނޮސުއަރ ސާކަލް"އާއި ގުޅިގެން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ރާއްޖެ އިޝްތިހާރުކުރުމުގެ ކެންޕެއިނެއް ފަށައިފިއެވެ.

ކޮނޮސުއަރ ސާކަލަކީ ލަގްޒަރީ ހޮޓެލްތަކާއި، ޑެސްޓިނޭޝަންތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތާއި ކޮންޓެންޓް ހިމަނައިގެން ޖަރުމަނުވިލާތާއި އޮސްޓްރިޔާ އަދި ސްވިޒަލޭންޑްގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ޝާއިޢުކުރާ މެގަޒިނެކެވެ.

އެމް.އެމް.ޕީ.އާރު.ސީން ކޮނޮސުއަރ ސާކަލްއާއެކު ފަށާފައިވާ މި ކެންޕެއިން ކުރިއަށްދާނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ. މިއީ މަތީފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ރީތިނަން މި މާކެޓުގައި ދަމަހައްޓައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، ޖަރުމަނު ބަހުން ރާއްޖެއާ ބެހޭ ކޮންޓެންޓް ޝާއިޢުކުރުންކަމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ކެންޕޭނެއްކަމަށޤ އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

މި ކެމްޕެއިންގައި ދިވެހިރާއްޖެއަކީ އެންމެ ރައްކާތެރި އަދި އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި އޮންލައިން އަދި އޮފްލައިން އެކި ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރާނެއެވެ. 6 މަސް ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ކެންޕެއިންގައި ކޮނޮސުއަރ ސާކަލްގެ އެކިއެކި ޕްލެޓްފޯމްތަކުގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ.

ކޮނޮސުއަރ ސާކަލްއަކީ ކަސްޓަމަރުން ގިނަ ތަނަކަށް ވުމުގެ ސަބަބުން މި ކެންޕެއިން މެދުވެރިކޮށް ގިނަ ޢަދަދެއްގެ ބަޔަކަށް ރާއްޖެއާއި ގުޅޭ މައުލޫމާތު ފޯރާނެއެވެ. އެމް.އެމް.ޕީ.އާރު.ސީން ބުނީ މި ކެމްޕެއިން ކުރިއަށްގެންދިޔުމަކީ ޖަރުމަނުވިލާތުގެ މަތީފަންތީގެ ފަތުރުވެރިންގެ ތެރޭގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާވެގެންދާނެ ކެންޕޭނެއްކަމަށެވެ.

މި އަހަރު ޖޫން 29 ގެ ނިޔަލަށް ޖުމްލަ 809603 (އަށްލައްކަ ނުވަހާސް ހަސަތޭކަ ތިނެއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ގެ އޭގެ ތެރެއިން 67608 ފަތުރުވެރިންނަކީ ޖަރުމަނުވިލާގެ ފަތުރުވެރިންނެވެ.

މިއަހަރު މި މާކެޓުގައި ކުރިއަށްދިޔަ ބޮޑެތި ފެއަރތަކުގައި އެމް.އެމް.ޕީ.އާރު.ސީއިން ވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި އައިމެކްސް 2022, އައިއެމްއެމް ޖާމަނީ, އަދި އައިޓީބީ ޑިޖިޓަލް ބިޒްނަސް ޑޭ ފަދަ ބޮޑެތި ފެއަރތައް ހިމެނެއެވެ.