ޚަބަރު

އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލް 7ވަނަ ފަހަރަށް ހޯދުމުގެ ފުރުސަތު ރާއްޖެއަށް


  • މި އެވޯޑް އެންމެ ފުރަތަމަ ރާއްޖެއަށް ލިބުނީ 2020 ވަނަ އަހަރު

  • މިހާތަނަށް ޖެހިޖެހިގެން 6 ފަހަރު ރާއްޖެއިން ވަނީ މި އެވޯޑް ހޯދާފައި

ވޯލްޑް ޓްރެވެލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2026" އަށް މިއަހަރުވެސް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ. މިއީ މި އެވޯޑަށް ރާއްޖެ ވާދަކުރާ 7ވަނަ އަހަރެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑަކީ ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލަށްދޭ އެވޯޑެކެވެ. މި އެވޯޑް މީގެކުރިން ރާއްޖެއިން ވަނީ ޖެހިޖެހިގެން 6 އަހަރު ހޯދާފައެވެ. މިއީ މި އެވޯޑަށް ރާއްޖެއިން ވާދަކުރާ 7ވަނަ އަހަރެވެ.

މި އެވޯޑަށް ވޯޓުލުމުގެ ފުރުސަތު މި މަހުގެ 30ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ.


ވޯލްޑް ޓްރެވެލް އެވޯޑްސްގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް އެންމެ ފުރަތަމަ ރާއްޖެއަށް ލިބުނީ 2020 ވަނަ އަހަރުއެވެ. އޭގެފަހުން ރާއްޖެއިން އަންނަނީ ކޮންމެ އަހަރަކުވެސް މި އެވޯޑް ދިފާއުކުރަމުންނެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.

މީގެކުރިންވެސް ވޯލްޑް ޓްރެވެލް އެވޯޑްސްގައި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ އެވޯޑްތަކެއް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.