ވިޔަފާރި

ނަންބަރ 1 މާކެޓްގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ގިނަ މަސައްކަތްތަކެއް


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ.

އެމް.އެމް.ޕީ.އާރު.ސީން ދަނީ އިންޑިއާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ތަފާތު ހަރަކާތްތަކާއި މަޝްޙޫރު ފެއަރތަކާއި މައުރަޒުތަކުގައި ބައިވެރިވުމުގެ އިތުރުން ފޯރިގަދަ އެކި ހަރަކާތްތައް ހިންގުން ހިމެނެއެވެ.

ކޯވިޑް19 އަށްފަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާ މާކެޓް މިހާރު އެއްކޮށްހެން ވަނީ ހުއްޓިފައެވެ. މީގެ ސަބަބުން އިންޑިއާ ފަދަ ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ މާކެޓްތަކުގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުން ވަނީ މުހިންމު ވެފައެވެ. އެހެންކަމުން އެމް.އެމް.ޕީ.އާރު.ސީން ދަނީ އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

2020 އަދި 2021 ވަނަ އަހަރާއި މިއަހަރުގެ މިހާތަނަށްވެސް އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ މާކެޓެވެ. 2020 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 62،960 (ފަސްދޮޅަސް ދެހާސް ނުވަ ސަތޭކަ ފަސްދޮޅަސް) ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ އެ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ %11.3 އެވެ.

2021 ވަނަ އަހަރު އެ ޤައުމުން 278،740 (ދެލައްކަ ހަތްދިހަ އަށްހާސް ހަތް ސަތޭކަ ސާޅިސް) ފަތުރުވެރިން އައިސްފައިވެއެވެ. މިއީ އެއަހަރު ރާއްޖެ އައި ފަތުރުވެރިންގެ %22.6 އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 123،687 (އެއްލައްކަ ތޭވީސްހާސް ހަ ސަތޭކަ އަށްޑިހަ ހަތް) ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ %14.8 އެވެ.

އިންޑިއާ މާކެޓުގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ވަނީ އޯޓީއެމް 2022، ސާޓޭ 2022 އަދި ޓީޓީއެފް 2022 ފަދަ ފާހަގަކޮށްލެވޭ ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން މި މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައް ހިންގާފައެވެ.

އެމް.އެމް.ޕީ.އާރު.ސީއިން ވަނީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ނަގާކިޔާ އެކި ކުންފުނިތަކާއެކު ޖޮއިންޓް ކެމްޕޭންތައް ރާވައި ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި، ދިއްލީ އާއި ގްރޭޓަރ ނޮއިޑާ ސަރަޙައްދުގެ ތަފާތު 5 ސަރަހައްދެއްގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އައުޓްޑޯ އެޑްވަޓައިޒިންގ ކެންޕޭންތައް ވަނީ ހިންގާފައެވެ.

ސާޓޭ 2022 އާ ދިމާކޮށް ކުރިއަށް ގެންދިޔަ މި ކެންޕޭންގެ ސަބަބުން ގާތްގަނޑަކަށް 7 މިލިއަން މީހުންނަށް ރާއްޖެ ޕްރޮމޯޓް ކުރެވުނުކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ. މި އައުޓްޑޯ އެޑްވަޓައިޒިންގ ކެންޕޭނުން ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހިތްވަރު ދީފައިވެއެވެ.

އެމް.އެމް.ޕީ.އާރު.ސީއިން މިހާރުވެސް ދަނީ ތޯމަސް ކުކް، ޕިކްޔޯޓްރޭލް، އަދި ވިސްޓާރާ އިންފްލައިޓް މެގަޒިންއާއި ގުޅިގެން ޖޮއިންޓް މާކެޓިންގ ކެމްޕޭންތައް ހިންގަމުންނެވެ. އިންޑިއާގެ ފާހަގަކޮށްލެވޭ އެކި މީޑިއާތައް ތަމްސީލުކުރާ މީޑިއާ ޓީމެއް ފެމިލިއަރައިޒޭޝަން ދަތުރެއްގައިވެސް މިއަހަރު ވަނީ ރާއްޖެ އައިސްފައެވެ.

މި ދަތުރުގައި ރާއްޖެ އައިސްފައިވާ މީޑިއާ ޓީމާއި އެމް.އެމް.ޕީ.އާރު.ސީގެ އޮފިޝަލުން ބައްދަލުކޮށް، އިންޑިއާ މާކެޓުގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް ކުރިއެރުވުމަށް ކުރާނެ މަސައްކަތްތައް ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

މީގެއިތުރުން ވެޑިންގ އެފެއާރސް މަޖައްލާއާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ބެލުންތެރިންނަށް ރޮމޭންޓިކް ސައިޑް އޮފް ލައިފް ޕްރޮމޯޓްކުރުންވެސް މި އަހަރު ކުރިއަށް ގެންގޮސްފައިވެއެވެ. ވެޑިން އެފެއާރސްއަކީ އިންޓަނޭޝަނަލް އިންޑިއަން ވެޑިން މެގަޒިންތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް މެގަޒިނެވެ.

އިންޑިއާގެ މާކެޓަށް އެމް.އެމް.ޕީ.އާރު.ސީއުން ގެންގުޅޭ ސްޓްރެޓެޖީތައް އެކުލަވާލާފައިވަނީ ބޮޑެތި ހުރިހާ ސިޓީއެއްގައި ރާއްޖޭގެ އިޝްތިހާރުކުރުމަށެވެ. މި ސްޓްރެޓެޖީގައި ލަގްޒަރީ މާކެޓް ސެގްމަންޓަށް ވަދެވޭނެ ޗެނަލްތައް ދެނެގަނެ، ހައި އެންޑް މެގަޒިންތަކާއި، ލަގްޒަރީ މާކެޓް ސެގްމަންޓަށް ކަމުދާ ތަންތަނުގައި ރާއްޖެ އިޝްތިހާރުކުރުން ހިމެނެއެވެ.

އެމް.އެމް.ޕީ.އާރު.ސީއިން 2021 ވަނަ އަހަރުވެސް އިންޑިއާ މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. ކޯވިޑަށްފަހުގައި އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ ސަބަބަކީވެސް މިއީއެވެ.