ސިޔާސީ

މިލަދޫ ކައުންސިލް އުވާލުމަށް އެލްޖީއޭއިން ހައިކޯޓަށް


ނ. އަތޮޅު މިލަދޫ ކައުންސިލް އުވާލުމަށް އެލްޖީއޭއިން ހައިކޯޓަށް ހުށައަޅުއްވައިފިއެވެ.ލޯކަލް ގަވަރމެންޓް އޮތޯރިޓީ-އެލްޖީއޭއިން  މިމައްސަލަ ހައިކޯޓަށް ހުށައަޅުއްވާފައިވަނީ، މިއަދުގެ ވަގުތެއްގައެވެ.އެލްޖީއޭއިން ހައިކޯޓަށް މިއަދު ހުށައެޅުއްވި މައްސަލައިގައި މިލަދޫ ކައުންސިލް އުވާލެވެންދެން އެ ކައުންސިލް އެކަހެރިކޮށްފައި ބޭއްވުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް އެދިވަޑައިގަންނަވާފައިވެއެވެ. އެލްޖީއޭއިން ވިދާޅުވީ މިލަދޫ ކައުންސިލް އުވާލުމަށް ކޯޓަށް ހުށައެޅުމަށް އެލްޖީއޭގެ ބޯޑުންނިންމެވީ އެކައުންސިލާމެދު ހުށައެޅިފައިވާ މައްސަލަތަކުގެ ސަބަބުންކަމަށެވެ.ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ވަކި ޙާލަތްތަކެއްގައި ކައުންސިލް ރޫޅާލުމުގެ ބާރު އެލްޖީއޭއަށް ލިބިދީފައިވެއެވެ. މިގޮތުން ހައިކޯޓުން ކައުންސިލް އުވާލަންވާނީ ކައުންސިލް އުވާލުންނޫން އެހެންގޮތެއް ނެތްކަމަށް ޤަބޫލުކުރެވިގެންކަމަށްވެސް ޤާނޫނުގައިވެއެވެ. އަދި ކައުންސިލް އުވާލައިފިނަމަ މަދުވެގެން ސާޅީސްފަސްދުވަހުގެ ތެރޭގައި އަލުން ކައުންސިލަށް މެންބަރުން އިންތިޚާބުކޮށް ނިންމަންވާނެކަމަށާ، އަލުން ކައުންސިލެއް އިންތިޚާބުކުރެވެންދެން ކައުންސިލް ވަގުތީ ގޮތުން ހިންގާނެ ބަޔަކު ކަނޑައަޅާނީ އެލްޖީއޭއިންކަމަށްވެސް ޤާނޫނުގައިވެއެވެ.އެލްޖީއޭއިން ވިދާޅުވީ މިލަދޫ ކައުންސިލްގައި ހުރި މައްސަލަތައް ބެއްލެވުމަށް އެލްޖީއޭއާ ސިވިލްސާވިސް ކޮމިޝަނުގެ ޓީމެއް މިހަފްތާތެރޭ މިލަދުއަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.