ޚަބަރު

ޔަހޫދީން ހުޅަނގު އައްސޭރިން ދެ ކުޑަކުދިން ހައްޔަރުކޮށްފި


ނާބުލުސްގެ ހުޅަނގުން ދެ ކުޑަކުދިން ޔަހޫދީ ސިފައިން ހައްޔަރުކޮށް، ކުޑަކުދިންނަށް ދޭ އަނިޔާތައް އިތުރުވަމުންދާ ކަމަށް ފަލަސްޠީނުގެ އިދާރާތަކުން ހާމަކޮށްފިއެވެ.

ޔަހޫދީ ސިފައިން ހުޅަނގު އައްސޭރީގެ ދޭރު ޝަރަފް އަވަށަށް ވަދެގަނެ، ގެތައް ފާސްކުރުމަށްފަހު ފަލަސްޠީނުގެ ދެ ކުޑަކުދިން ހައްޔަރުކޮށްގެން ގެންގޮސްފިއެވެ. ފަލަސްޠީނުގެ އަސީރުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ހާމަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ޔަހޫދީން ވަނީ ހުޅަނގު އައްސޭރިން 2،000 އަށްވުރެ ގިނަ ކުޑަކުދިން ހައްޔަރުކޮށްފައެވެ. އަދި ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރުމާއި، ކާބޯތަކެއްޗާއި އެކަށީގެންވާ ޞިއްޙީ ފަރުވާއިން މަޙްރޫމްކުރުމުގެ އިތުރުން، އެކަހެރިކޮށް ބަންދުކުރުން ފަދަ ލާއިންސާނީ އަނިޔާތައް ކުރިމަތިކުރުވަމުންދާ ކަމަށްވެސް އެ ޖަމާޢަތްތަކުން ބަޔާންކުރެއެވެ.

ފަލަސްޠީނުގެ ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓެންސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން ޔަހޫދީ ސިފައިންނާއި ހައްދުފަހަނައެޅި ވަޒަންވެރިން ގުޅިގެން ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގެ ރައްޔިތުންނަށާއި އެމީހުންގެ މުދަލަށް އަމާޒުކޮށް 62،916 އުދުވާނީ ހަމަލާއެއް ވަނީ ދީފައެވެ. މީގެ ތެރޭގައި ޔަހޫދީ ސިފައިން ދިން 48،174 ހަމަލާއާއި، ޣައިރުޤާނޫނީ ވަޒަންވެރިން ދިން 14،742 ހަމަލާ ހިމެނެއެވެ. އެންމެ ގިނަ ހަމަލާތައް ރެކޯޑުކުރެވިފައިވަނީ އަލްޚަލީލް (10،840 ހަމަލާ)، ރާމަﷲ އަދި އަލްބީރާ (10،594 ހަމަލާ)، އަދި ނާބުލުސް (10،261 ހަމަލާ) ގައެވެ.

ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްޠީނުގެ 66 ރައްޔިތަކު ޝަހީދުވެފައިވާއިރު، ފަލަސްޠީނު މީހުންގެ ބިންތަކާއި ދަނޑުބިންތަކުގައި ރޯކޮށްލުމުގެ 1،182 ހާދިސާއެއް ވަނީ ހިންގާފައެވެ. މީގެ އިތުރުން، 100،000 އަށްވުރެ ގިނަ ޒައިތޫނި ގަސް ހިމެނޭހެން، ޖުމްލަ 147،111 ގަސް ވަނީ ބުޑުން ލުހެ، އަންދައި ހަލާކުކޮށްލާފައެވެ. ހަމައެއާއެކު، ވަޒަންވެރިން ވަނީ ފަލަސްޠީނުގެ 376 އަވަށަކަށް އަމާޒުކޮށް ހަމަލާދީ، އަލަށް 211 ވަޒަންވެރިންގެ ޖަގަހަ (އައުޓްޕޯސްޓް) ހެދުމަށް މަސައްކަތްކޮށްފައެވެ.

ޔަހޫދީ ސަރުކާރުން ވަނީ މީހުން ދިރިއުޅޭ 1،894 ގެ ހިމެނޭހެން ފަލަސްޠީނުގެ 5،059 އިމާރާތެއް ތަޅާލައި ސުނާފަތިކުރުމަށް 1،814 އޮޕަރޭޝަނެއް ހިންގާފައެވެ. އަދި އަސްކަރީ އަމުރުތަކާއި ދައުލަތުގެ ބިމުގެ ގޮތުގައި ނުޙައްޤުން ކަނޑައަޅައިގެން ފަލަސްޠީނުގެ ކާބަފައިންގެ ބިމުން 64،200 ދޫނަމްގެ ބިން ވަނީ ފޭރިގަނެފައެވެ. މިއީ ވޭތުވެދިޔަ ތިން ދަހަރުގެ ތެރޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ހަލުވިކޮށް ބިންތައް ފޭރިގަތް ފަހަރެވެ.