ޚަބަރު

އެމެރިކާގެ މީޑިއާ ޓީމުގެ ސަބަބުން އެ ޤައުމުގެ ބުކިންތައް އިތުރުވާނެ - އެމްއެމްޕީއާރުސީ


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީއިން އެމެރިކާގެ މީޑިއާ ޓީމަށް ކުރިއަށްގެންދިޔަ ފެމިލިއަރައިޒޭޝަން ދަތުރު ނިންމާލައިފިއެވެ. މި ފޭމް ޓްރިޕް ކުރިއަށްގެންގޮސްފައިވަނީ "ހައި-އެންޑް އެޑްވެންޗާސް އިން ދަ މޯލްޑިވްސް" ތީމްގެ ދަށުންނެވެ.

އެމެރިކާ މާކެޓަށް އަމާޒުކޮށްގެން ދުނިޔޭގެ ފެންވަރުގައި ހިންގާ ޕަބްލިކޭޝަންތަކުގެ އޮފިޝަލުންނާއެކު ކުރިއަށް ގެންދިޔަ މި ފެމިލިއަލައިޒޭޝަން ދަތުރުގައި ރާއްޖޭގެ ރިޒޯޓްތަކުން ލިބޭ ލަގްޒަރީ ޚިދުމަތްތަކުގެ ތަޖުރިބާތައް އެމެރިކާ މާކެޓަށް ދައްކާލާ، ބޮޑު ކަވަރޭޖެއް ލިބުނުކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރައްކާތެރިކަމާއި، ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓުގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެންމެ ރައްކާތެރި އެއް ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި މި ދަތުރުގެ ޒަރިއްޔާއިން ވަނީ މާކެޓްކޮށްފައެވެ.

މި ދަތުރުގެ ސަބަބުން އެމެރިކާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިން އިތުރުވާނެ ކަމަށް އެމް.އެމް.ޕީ.އާރު.ސީން ގަބޫލުކުރެއެވެ. މި އަހަރު މިހާތަނަށް އެމެރިކާ އަކީ ރާއްޖެއަށް 6 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ މާކެޓެވެ. 21 ޖުލައި 2022 ގެ ނިޔަލަށް އެމެރިކާއިން ޖުމްލަ 43،653 (ސާޅިސް ތިން ހާސް ހަ ސަތޭކަ ފަސްދޮޅަސް ތިން) ފަތުރުވެރިން ޒިޔާރަތްކޮށްފާވާއިރު، މިއީ މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި %4.8 ފަތުރުވެރިންނެވެ.

އެމް.އެމް.ޕީ.އާރު.ސީއިން ދަނީ އެމެރިކާގެ މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. މިގޮތުން ވޯތު މެގަޒިންއާއެކު ކުރިއަށް ގެންދިޔަ ކެމްޕެއިނާއި، އަޓާ އެޑްވެންޗާއެލަވޭޓް 2022 ގައި ބައިވެރިވުމާއި، އަދި އެމެރިކާގެ ޓްރެވަލް ޓްރޭޑަށް ވެބިނާރއެއް ހިންގުމުގެ އިތުރުން ގޯއަވޭއާއެކު ކުރިއަށް ގެންދިޔަ ކެމްޕެއިން ހިމެނެއެވެ.

މި މާކެޓަށް އަމާޒުކޮށްގެން މިހާރުވެސް ކުރިއަށްދާ ކެމްޕެއިންތަކުގެ ތެރޭގައި އަސްޓާ އަދި އައިޑީ ޓްރެވަލް ގްރޫޕާއިއެކު ކުރިއަށް ގެންދާ ކެމްޕެއިން ހިމެނެއެވެ. މި މާކެޓަށް އަމާޒުކޮށް މި އަހަރު ކުރިއަށް އޮތްތަނުގައިވެސް އެކި ހަރަކާތްތައް ހިންގުމަށް އެމް.އެމް.ޕީ.އާރު.ސީއިން ވަނީ ތާވަލްކޮށްފައެވެ.