ކުރިއަށްއޮތް 11 މަސްދުވަހުގެ ތެރޭގައި ނާގޯށި ހުޅުވައި އޮޕަރޭޝަންއަށް ގެނެވޭނެކަމަށް ފަތުރުވެރިކަމާއި ފަތުރުވެރިކަމާ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، 'އަހާ' ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު ނާގޯށި ހުޅުވޭނެ ތާރީޚަކާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރަން އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ސަބްލީޒްކުރީ ރަޝިޔާގެ ތްރީކް ކުންފުންޏަށެވެ. އެކުންފުންޏަށް އެމަޝްރޫޢު ކުރިއަށް ނުގެންދެވި، އޮވެ 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް ނެގުމަށްފަހު 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ރަށް ލިބުމުން އެއަހަރު ވަނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދީފައެވެ.
އެހެން ނަމަވެސް 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެގްރިމެންޓް ވަނީ އުވާލާފައެވެ. އޭގެ ފަހުން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މަސައްކަތާއެކު މާލީ ވުޒާރާއިން ވަނީ އެމްޓީޑީސީއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ފައިނޭންސިން ހަމަޖައްސަވާފައެވެ.
ހދ. ނާގޯށީގައި ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އަލުން ފަށާފައިވަނީ ސަރުކާރުން އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ދީފައިވާ ލުއިތަކާއެކު މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ނާގޯށީގެ މަސައްކަތް ނުހުއްޓި ކުރިއަށްދާކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުން މިހާރު މި މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައިކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް އަހަރަކަށްވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި އެތަން ހުޅުވުމަށް ތައްޔާރީ ހާލަތައް އަންނާނެކަމަށެވެ.
"ޕަސެންޓޭޖުން ދަންނަވާކަމަށްވަންޏާ މިހާރު %50 ވުރެ މައްޗަށް މުޅި މަސައްކަތް ނިމިފައި ހުރީ. ދެން މަސައްކަތް ކުރަމުން ގެންދިޔައީ މިއަހަރުގެ ނޮވެމްބަރ އަށް ނިންމަން ކަމަށްވިއަސް އަޅުގަނޑު ދެންނެވިހެން އިރާދަކުރެއްވިއްޔާ 11 ވަރަކަށް މަސްދުވަސް ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނެވޭނެ." ވަޒީރު އަމީން ވިދާޅުވިއެވެ.
އެމްޓީޑީސީން ވިދާޅުވީ މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރީގެ މަސައްކަތް ނިންމާ ދަނީ ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި ބީޗް ވިލާތަކާއި، ޖަކޫޒީ ބީޗް ވިލާސް، އަދި ވޯޓާ ވިލާސް ހިމެނޭހެން 4 ގިންތިއެއްގެ ކޮޓަރިތައް ހުންނާނެ ކަމަށް އެމްޑީޓީސީން ފާހަގަކުރެއެވެ.
އެމްޓީޑީސީން ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް ނިމޭއިރު މިރަށުގައި 600 އެއްހާ ވަޒީފާ އުފެދޭނެއެވެ. އޭގެސަބަބުން މުޅި ހދ. އަތޮޅަށްވެސް އޭގެ ފައިދާ ކުރާނެކަން ސަރުކާރުން ޤަބޫލުކުރައްވައެވެ.