ވަކިވަކި މާކެޓްތަކުގެ ތެރެއިން މިދިޔަ އަހަރާ އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގައި މިއަހަރުގެ މިހާތަނަށް ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް މާކެޓަކަށް އިޓަލީވިލާތް ވެއްޖެއެވެ. އިޓަލީއަކީ މިހާރު ރާއްޖެއަށް 5ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އަހަރުގެ މިހާތަނަށް އިޓަލީއިން ރާއްޖެއަށް 49،080 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %1024.4 ކުރިއެރުމެކެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 20ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 900،808 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %57.5 އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ "މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ގައިވާގޮތުން ރާއްޖެއަށް ފަތުރުވެރިން އަންނަ ވަކިވަކި ޤައުމުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ފަތުރުވެރިންގެ ނަންބަރުތަކުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އިޓަލީއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެ ޤައުމުން ރާއްޖެއަށް 120،604 ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %34.5 ކުރިއެރުމެކެވެ.
2ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެ ޤައުމުން ރާއްޖެއަށް 96،470 ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %607.7 ކުރިއެރުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ފަތުރުވެރިން އަންނަ މައިގަނޑު ހުރިހައި ސަރަހައްދުތަކަކުންވެސް ވަނީ ކުރިއެރުން ހޯދާފައެވެ.
ވަކިވަކި ޤައުމުތަކަށް ބަލާއިރު ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ 10 ޤައުމުގެ ތެރޭގައި ހިމެނެނީ އިންޑިއާ، އިނގިރޭސިވިލާތް، ރަޝިއާ، ޖަރުމަނުވިލާތް، އިޓަލީ އެވެ. ދެން ހިމެނެނީ އެމެރިކާ، ޔޫއޭއީ، ފްރާންސް، ސަވިޒަލޭންޑް އަދި ސައުދީ އަރަބިއްޔާއެވެ.