ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައިވަނީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ޞާބިރު އާއި ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް (ޖާޓާ)ގެ ރައީސް ޓަޑަޝީ ޝިމޫއާއެވެ.
ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ބޭއްވި މިބައްދަލުވުމުގައި ޖަޕާނުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރެވޭނެ ގޮތްތަކާއި އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ރާއްޖެއަކީ މިހާރުވެސް ޖަޕާނުގައި މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލެކެވެ. ނަމަވެސް އެހެން މާކެޓްތަކާއި އަޅާބަލާއިރު ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށެވެ.
Ambassador Sobir met with Mr. Tadashi Shimu, President of Japan Association of Travel Agents (JATA), discussed ways to boost the growth of the Japanese Market, and matters pertaining to the tourism development and promotion. pic.twitter.com/0boLdKJtwS
— Maldives in Japan (@MDVinJapan) August 5, 2022
މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ޖަޕާނުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު އިތުރެވެ. މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ޖަޕާނުން ރާއްޖެ އައިސްފައިވަނީ 298 ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް ޖަޕާނުން ރާއްޖެއަށް 1699 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ %470.1 އިތުރުވުމެކެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއަށް 813،211 ފަތުރުވެރިން އައިސްފައިވެއެވެ. މީގެތެރޭގައި ޖަޕާނު ހިއްސާކުރަނީ %0.2 އެވެ. ޖަޕާނު އުޅެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތަކުގެ 56 ވަނައިގައެވެ.