މިއަހަރުގެ އޮގަސްޓުމަހު މީރާއަށް 1.32 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %3.6 އިތުރު އަދަދެކެވެ. އަދި މިދިޔަމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %5.9 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓުމަހު ލިބުނު އާމްދަނީއާއި އަޅައިބަލާއިރު މިއަހަރުގެ އޮގަސްޓްމަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ %5.4 އިތުރުވެފައިވާތީއެވެ.
މިކަމުގެ ސަބަބުން ޓި.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. މިއަހަރުގެ އޮގަސްޓްގެ އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި، އިންކަމް ޓެކްސްގެ ކުރީގެ ޑެޑްލައިންތަކުގައި ލިބެންޖެހޭ އާމްދަނީ އޮގަސްޓު މަހުގައި ލިބިފައިވުން ހިމެނޭ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީގެއިތުރުން، މިއަހަރުގެ އޮގަސްޓްގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ އަހަރުގެ އޮގަސްޓުގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށްވެސް މީރާއިން ވިދާޅުވެއެވެ. މި ފީ މިދިޔަ އަހަރުގެ އޮގަސްޓުގައި ލިބިފައެއް ނުވެއެވެ.
މިއަހަރުގެ އޮގަސްޓްގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ ޖުމަލް އާމްދަނީގެ %48.7 ނުވަތަ 645.81 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ.
އިންކަމް ޓެކްސްގެ ގޮތުގައި 263.86 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.50 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 73.09 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 69.43 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ޖުމްލަ 196.28 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކުރެއެވެ.
އޮގަސްޓްމަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.