ކެންޔާއިން ރާއްޖެ ގެނައި އަލައިގެ މުޑުވައް ދިރާސާކުރުމުގެ މަސައްކަތް ރާއްޖޭގެ ދެނުކުގެ ބައެއް ރަށްރަށުގައި ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހުސައިން މިހާރު ދެކުނުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި މުޑުވައްތައް ވަނީ ގދ.ހޯޑެއްދޫ، ފިޔޯރީ، ވާދޫ، ގައްދޫގެ ކައުންސިލްތަކާ ޙަވާލުކޮށްފައެވެ. އަދި މާދަމާ ފުވައްމުލައް ސިޓީގެ ކައުންސިލާ ޙާވާލުކުރުމަށްވަނީ ހަމަޖެހިފައެވެ.
އަލަގަހުގެ ފަތުގައި ލައްޖަހާ ގަސްހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ "ޓާރޯލީފް ބްލައިޓް" ބަލި ފެތުރި ރާއްޖޭގައި ފުޅާދާއިރާއެއްގައި އަލަ ހައްދާ ރަށްރަށުގެ އަލަދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ. އެހެންކަމުން ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރުން މިކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން އުންމީދުކުރެއެވެ.
އަލަގަހުގެ ފަތުގައި ލައްޖަހާ ގަސްހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ ޓާރޯލީފް ބްލައިޓް ބަލި ފެތުރި ރާއްޖޭގައި ފުޅާދާއިރާއެއްގައި އަލަ ހައްދާ ރަށްރަށުގެ އަލަދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާތީވެ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން (1/2) pic.twitter.com/xWv2NKhojz
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) September 17, 2022
ގދ.އަތޮޅުގެ 4 ރަކަށްވަނީ މުޑުވައް ހަވާލުކޮށްފައެވެ. ކޮންމެ ރަށަކަށް ހަވާލުކޮށްފައިވަނީ 60 މުޑުވަކެވެ. އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ މި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްތަކާއި ދަނޑުވެރިންނާއި ގުޅިގެން ކަމަށެވެ. އެގޮތުން ދިރާސާގެ ތެރެއިން ހައްދާ އަލަ ގަސްތަކުން، ދަނޑުވެރިންނަށްވެސް އަލަގަސް ލިބިގެންދާނެއެވެ. އަދި މިހާރު ކުރިއަށް މިދަނީ ދިރާސާގެ މަސައްކަތްކަމަށާ، ދިރާސާގެ ކާމިޔާބީއަށް ބަލާ އެގްރިކަލްޗަރ މިނިސްޓްރީން މިމަސައްކަތް ފުޅާކުރާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
ދިވެހި އަލަ އަކީ ރާއްޖޭގައި ކެއުމަށް ބޭނުންކުރާ، މީހުންގެ މެދުގައި މަޤްބޫލް ފަލަމަޑީގެ ބާވަތެކެވެ. ބާޒާރަށް އެންމެ ގިނަ އަދަދަކަށް ދިވެހި އަލަ ގެންނަނީ ދެކުނުގެ ރަށްރަށުންކަން ފާހަގަކޮށްލެވެއެވެ.