ބޯހިމެނުމުގެ މަސައްކަތުގައި އެއްކުރާ މައުލޫމާތުން ރާއްޖޭގެ ފަތުރުވެރިކަމުން ޖީޑީޕީއަށް ސީދާގޮތުންނާއި ނުސީދާގޮތުން ކުރާ އަސަރު ފުރަތަމަ ފަހަރަށް ދެނެގަނެވިގެންދާނެކަމަށް މަޓީގެ އެގެޒެކެޓިވް ބޯޑް މެމްބަރ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ އިޔާޒު ވަހީދު ވިދާޅުވެއްޖެއެވެ.
8 އަހަރަށްފަހު ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް މިހާރު ފަށައިގެން ދަނީ ކުރިއަށެވެ.
ބޯހިމެނުމުގެ މަޤުޞަދަކީ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި، ދިރިއުޅުމުގެ ޙާލަތާއި އަދި އިޤްތިޞާދަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމެވެ. މި ސަރވޭގައި ދިވެހިނާއި ބިދޭސީން ހިމެނޭހެން ރާއްޖޭގައި ދިރިއުޅެމުންދާ ކޮންމެ މީހެއްހެ މަޢުލޫމާތު ވަކިވަކިން އެއްކުރާނެއެވެ. ބޯހިމެނުމުގެ މަސައްކަތް މިމަހުގެ 13 ވަނަ ދުވަހު ފަށައިގެން ދަނީ ކުރިއަށެވެ.
ބޯހިމެނުމުގެ މަސައްކަތުގައި މަޢުލޫމާތު އެއްކުރުން މިމަހުގެ 27ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިފަހަރުގެ ބޯހިމެނުމުގައި ކުރީފަހަރުތަކާ ޚިލާފަށް ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދާއި މާލީ އެންމެހައި ކަންކަމުގެ މަޢުލޫމާތުވެސް އެއްކުރާނެއެވެ.
މަޓީގެ އެގެޒެކެޓިވް ބޯޑް މެމްބަރ އަދި ޔުނިވަރސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު ވިދާޅުވީ ބޯހިމެނުމުގައި ނަގާ މައުލޫމާތުގެ އަލީގައި ދިވެހިރާއްޖޭގެ ޖީ.ޑީ.ޕީއަށް ފަތުރުވެރިކަމުގެ ސީދާ އަދި ނުސީދާގޮތުން ކުރާ ހިއްސާ ފުރަތަމަ ފަހަރަށް ދެނެގަނެވޭނެކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ބޯހިމެނުމަށް އެއްބާރުލުން ދިނުމަށް އޭނާ އިލްތިމާސްކުރިއެވެ.
ބޯހިމެނުމުގައި ނަގާ މައުލޫމާތުގެ އަލީގައި ދިވެހިރާއްޖޭގެ ޖީ.ޑީ.ޕީއަށް ފަތުރުވެރިކަމުގެ ސީދާ އަދި ނުސީދާގޮތުން ކުރާ ހިއްސާ ފުރަތަމަ ފަހަރަށް ދެނެގަނެވޭނެ!
— Census 2022 Maldives (@census2022mv) September 18, 2022
-އިޔާޒް ވަހީދު، އެގެޒެކެޓިވް ބޯޑް މެމްބަރ، މަޓީ-@matimaldivesmv@gammaldives@MoTmv @matatoMV@boating_mv#CountMeIn pic.twitter.com/IRQSYBJVJY
އިޤްތިޞާދީ މަސައްކަތްތަކުގެ ބޯހިމެނުމުގައި ހުރިހާ ވިޔަފާރިއެއްގެ މައުލޫމާތު އެއްކުރާނެއެވެ. އޭގެތެރޭގައި ފިހާރަތައް، ރެސްޓޯރަންޓްތައް، ހާޑްވެއާ ފިހާރަތައް، އަމިއްލަ ކުންފުނިތައް، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް، ބޭކަރީތައް، ޖިމްތައް، އަދި ރެޖިސްޓަރ ކޮށްގެން ހިންގާ އެހެނިހެން އިޤްތިޞާދީ މަސައްކަތްތައް ހިމެނެއެވެ.
އަންހެނުން ކުރިއަށްގެންދާ އިޤްތިޞާދީ ހަރަކާތްތަކުގެ މައުލޫމާތުވެސް ބޯހިމުނުގައި އެއްކުރާނެއެވެ. އަންހެނުންނާއި އަންހެންކުދިން ބާރުވެރިކުރުމަށް އަދި ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސިޔާސަތުތައް އެކަށައެޅުމަށް މިމައުލޫމާތު އެހީތެރިވާނެކަމަށް ސްޓެޓިސްޓިކް މޯލްޑިވްސްއިން ބުނެއެވެ.