އަނެއްކާވެސް ސެމީފައިނަލްގައި ނޭޕާލް އަތުން ބަލިވެ، ރާއްޖެ ކަޓައިފިއެވެ. މިފަހަރު ސެމީފައިނަލްގައި ނޭޕާލް އަތުން ބަލިވެ ރާއްޖޭގެ ޒުވާން ޓީމް ކެޓީ ސައުތް އޭޝިއަން ގޭމްސްގައި މިރޭ ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނިޓްގެ ދެހާފާއެކު 4-3 ން ނޭޕާލް ކުރި ހޯދުމުންނެވެ. ބަންގްބަންދް ގޯލްޑްކަޕް ސެމީފައިނަލްގައި ނޭޕާލް އަތުން ބަލިވެ، ކެޓިތާ ގިނަ ދުވަސްތަކެއް ނުވަނީސް ސައުތް އޭޝިއަން ގޭމްސްގެ ސެމީފައިނަލުން ބަލިވެ، ރާއްޖެ ކެޓިއިރު ނޭޕާލް މެޗުގެ 50 ހަކަށް މިނިޓް ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ ދޭއް ސުމަކުން ނޭޕާލް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ލަނޑު ޖެހީ އަންޖަން ބިސްޓާއެވެ. ދެވަނަ ލަނޑު ޖެހީ ނަވާޔުގް ސުރެޝްތާއެވެ. ރާއްޖެއިން ދެލަނޑު ޖެހީ ދެވަނަ ހާފްގައެވެ. ފުރަތަމަ ލަނޑު ޖެހީ ހަމްޒާ މުޙައްމަދެވެ. ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ނާޝިދެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން ނޭޕާލްގެ ޑިފެންޑަރ ކަމާލް ޝްރެސްތާއަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑް ދެއްކިއެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނިޓްގެ ދެވަނަ ހާފްގައި ރާއްޖެއަށް ލީޑް ހޯދައިދިނީ ނާއިޒް ހަސަންއެވެ. ނަމަވެސް ލަނޑަށްފަހު މިނިޓެއް ނުވަނީސް ނަވާޔުގް ޝުރެސްތާ ނޭޕާލަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި އޭނާ އިތުރު ލަނޑެއް ޖަހައި، ހެޓްރިކާއެކު ނޭޕާލް ފައިނަލަށް ގެންގޮސްދިނެވެ. ބަންގްބަންދް ގޯލްޑްކަޕް ސެމީފައިނަލްގައިވެސް އޭނާ ވަނީ ރާއްޖެކޮޅަށް ހެޓްރިކް ހަދާފައެވެ. ރިކީ ހާރބަޓްގެ އިރުޝާދުގެ ދަށުން ގާތްގާތުގައި ރާއްޖެ ކުޅުނު ތިން މުބާރާތުގެ ސެމީފައިނަލުންވެސް ވަނީ ނާކާމިޔާބުވެފައެވެ. ސާފް ސުޒުކީކަޕް ސެމީފައިނަލްގައި ބަލިވީ އިންޑިޔާ އަތުންނެވެ. ބަންގްބަންދް ގޯލްޑްކަޕާއި، ސައުތް އޭޝިއަން ގޭމްސްގެ ސެމީފައިނަލްގައި ބަލިވީ ނޭޕާލް އަތުންނެވެ.