ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކުލަބު އަތުން ބަލިވުމަކީ "މާބޮޑު މައްސަލައެއް ނޫން" ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު، މުޙައްމަދު އާތިފް ބުނެފިއެވެ.
ލީގުގައި ޓީސީގެ ފުރަތަމަ މެޗުގައި ވިކްޓްރީއާ ދެކޮޅަށް ކުޅެ ޓީސީ ބަލިވީ 1-5ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އާތިފް ބުނީ، ޓީސީއަށް އައު ސީޒަނަށް ތައްޔާރުވާން ފެށުނީ މާ ފަހުން ކަމަށާއި، ފުރަތަމަ މެޗުގައި ވިކްޓްރީ އަތުން ބަލިވުމަކީ އެހާ ބޮޑު މައްސަލައެއްކަމަށް ގަބޫލުނުކުރާ ކަމަށެވެ. ޓީމު "ޕީކު" ކުރަން ވިސްނުން ހުރީ ލީގުގެ ތިންވަނަ މެޗާ ހަމައިން ކަމަށް ވެސް އާތިފް ބުންޏެވެ.
"އަހަރުންމެންނަށް މާބޮޑު މައްސަލައެއް ނޫންކަންނޭނގެ މީ ފުރަތަމަ މެޗުގައި ވިކްޓްރީ އަތުން ބަލިވުން. ވަރަށް ލަހުން އަހަރުމެންނަށް ޕްރީ ސީޒަން ފެއްޓުނީ. އަހަރުމެން ޓީމު ޕީކް ކުރަން ވިސްނާފަ މީނީ ގާތްގަނޑަކަށް ލީގުގެ ތިންވަނަ މެޗުން ފަށައިގެން. އެހެންވީމަ އަހަރުމެން ދަސްކުރި އެއްޗެއްގެ ބޭނުން މެޗުގައި ހިފީމަ ހަމަ ވަރަށް ހެޕީ". ކޯޗު އާތިފް ބުންޏެވެ.
މެޗުގައި ވިކްޓްރީގެ ތަފާތަކަށްވީ އެއީ "ލީގަށް ވާދަކުރާ" ޓީމަކަށްވުމުން އެއައި ތަފާތުކަމަށް އާތިފް ބުންޏެވެ.
އާތިފް އިތުރަށް ބުނީ، މެޗުން ބަލިވި ނަމަވެސް، ޖުމްލަ ގޮތެއްގައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭ ކަމަށެވެ.
މި ސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވިކްޓްރީ އަތުން ޓީސީ ބަލިވިއިރު، ފާއިތުވީ ސީޒަނުގައި ރެލިގޭޝަން ޕްލޭއޮފްގައި ޓީސީ ކުޅެންޖެހުނީ ޕޮއިންޓޫގެ ގޮތުން ވިކްޓްރީއާ އެއްވަރުވި ނަމަވެސް، ގޯލުގެ ތަފާތުން ކުރި ނުލިބުމުންނެވެ. ލީގު ނިމުނުއިރު ޓީސީއަށް ހަތްވަނަ ލިބުނުއިރު ވިކްޓްރީއަށް ލިބުނީ ހަވަނައެވެ.
މިފަހަރުގެ ލީގުގައި ޓީސީން ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ބިސް ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.