ޚަބަރު

ޑިމޮކްރަސީ ހަފްތާ ފެށުމުގެ ގޮތުން ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމެއް


ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރައްވާ ޑިމޮކްރަސީ ހަފްތާ ފެށުމުގެ ގޮތުން ލޭހަދިޔާކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށްޓަވައިފިއެވެ.މިޙަރަކާތް ހިންގަވަނީ އިލެކްޝަންސް ކޮމިޝަނާއި، މޯލްޑިވްސް ބްލަޑް ސަރވިސް އަދި ޕަބްލިކްސަރވިސް މީޑިއާ ގުޅިވަޑައިގެންނެވެ.އިލެކްޝަންސް ކޮމިޝަނުން އިސްނަންގަވައިގެން މިއަދުން ފެށިގެން މިމަހުގެ ވިއްސަށް ފާހަގަކުރައްވާ ޑިމޮކްރަސީ ހަފްތާ ފެށިގެން ދިޔައީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ހިންގަވާ ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމުންނެވެ. މި ޕްރޮގްރާމް ފެއްޓެވުމަށް ސެނެކޯމާލަމްގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވީ، ޑިމޮކްރަސީ ހަފްތާއެއް ފާހަގަކުރެވިގެންދާއިރު، ލޭހަދިޔާ ކުރުންފަދަ އިންސާނީ މާތް ޚިދުމަތަކުން ފެށިގެންދިއުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ސުލައިމާނު ވިދާޅުވީ، ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ، ރައްޔިތުންކަމަށާއި، ޑިމޮކްރަސީގެ ޙަރަކާތްތަކުގައި ރައްޔިތުންގެ ދުޅަހެޔޮކަން ވަރަށް މުހިންމުކަމަށެވެ. އަދި މިޙަރަކާތައް ސިޔާސީ ޕާޓީތަކުން އިޖާބަދީ، ބައިވެރިވުން މުހިންމުކަމަށްވެސް ސުލައިމާން ވިދާޅުވިއެވެ.ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރައްވާ ޑިމޮކްރަސީ ހަފްތާގެ މުހިއްމު ޙަރަކާތްތައް މާދަމާއިން ފެށިގެން ކުރިއަށް ގެންދެވުމަށް ހަމަޖެހިފައި ވަނީ ހއ. ހޯރަފުށީގައެވެ. ދައުލަތުގެ އިސް މަސްއޫލުވެރިން ވެސް މިކަމުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ، ހަމަޖެހިފައެވެ. އަދި މިރަސްމިއްޔާތުގައި ބައެއް ޤައުމުތަކުގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ.ހޯރަފުށީގައި ފާހަގަކުރައްވާ ޑިމޮކްރަސީ ހަފްތާގައި އެ ކޮމިޝަނުގެ އާ ލޯގޯ އާއި ކޮމިޝަނުން ބޭނުން ކުރައްވާކުލަ އިފްތިތާޙުކުރެއްވުމާއި، އަލަށް ފާހަގަކުރައްވަން ފަށްޓަވާ ވޯޓުލާ މީހުންގެ ދުވަހާއި، އިލެކްޝަންސް ކޮމިޝަނުގެ އަހަރީ ދުވަސް އިޢުލާން ކުރެއްވުންވެސް އޮންނާނެކަމަށް އެކޮމިޝަނުން ހާމަކުރައްވައެވެ."ޑިމޮކްރެސީގައި އެންމެންގެ ބައިވެރިވުން" މިތީމްގެ ދަށުން ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި ސިޔާސީ ޕާޓީތަކުން ޑިމޮކްރަސީގައި އަދާކުރައްވާ ދައުރު ހަރުދަނާ ކުރެއްވުމަށާއި، ޑިމޮކްރެސީއަށް ޢާއްމު ހޭލުންތެރިކަން އިތުރުކުރެއްވުންވެސް މި ހަފްތާގައި އޮންނާނެއެވެ. އެގޮތުން ޑިމޮކްރަސީއާ ގުޅުންހުރި ސުވާލު މުބާރާތްތަކާއި، ބަޙުސްތައް ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވެއެވެ. އަދި ސުކޫލް ކުދިންނަށް ޑިމޮކްރަސީއާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.ޑިމޮކްރަސީ ދުވަސް ފާހަގަކުރެއްވުމަށް ހޯރަފުށީގައި ހިންގަވާ ޙަރަކާތްތަކުގެ ތަފްޞީލާއި ބައެއް ޙަރަކާތްތައް ޕީއެސްއެމްގެ ޓީވީ އާއި ރޭޑިއޯ ޗެނަލްތަކުން ވަގުތުން ގެނެސްދިނުމަށްވެސް ހަމަޖެހިފައިވެއެވެ.