ޚަބަރު

ހޯނޑެއްދޫން އިތުރު 69 ކިލޯގެ ޑްރަގް، ޖުމްލަ 82 ކިލޯ


ގދ.ހޯނޑެއްދޫގައި ފުލުހުން ފަށާފައިވާ ޑްރަގް އޮޕަރޭޝަންގެ ތެރެއިން އިތުރު 69 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ކޮމިޝަނަރ އޮޕް ޕޮލިސް މުޙައްމަދު ޙަމީދް ކުރެއްވި ޓްވީޓެއްގައިވަނީ، މި އޮޕަރޭޝަންގައި މިހާތަނަށް ހޯދި މަސްތުވާތަކެތީގެ އަދަދު 82 ކިލޯއަށް އަރާފައިވާކަމަށެވެ.

އަލަށް ހޯދި 69 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ، ހޯނޑެއްދުއާއި އަދި އެ ސަރަޙައްދުގެ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓައެވެ. ސީޕީ ވިދާޅުވީ މީގެ ތެރޭގައި ހިމެނެނީ މެތް އާއި ހެރޮއިން ކަމަށެވެ.

ސީޕީ ހަމީދު ވަނީ، މި އޮޕަރޭޝަންގައި ފުލުހުން ކުރި މަސައްކަތްތަކާއި، ހޯދަމުންދާ ކުރިއެރުން ފާހަގަކުރައްވާފައެވެ.

މި އޮޕަރޭޝަންގައި އެންމެ ފުރަތަމަ މަސްތުވާތަކެތި ހޯދާފައިވަނީ، މިދިޔަ އޮކްޓޯބަރު މަހު 27ވަނަ ދުވަހު، ގދ.ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލާފަ ހުއްޓައެވެ. އެއީ 13 ކިލޯގެ މަސްތުވާތަކެއްޗެވެ.

ފުލުހުން މި ތަކެތި ހޯދާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި މިހާތަނަށް ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.