ވިޔަފާރި

އަންނަމަހު 15ގެ ކުރިން 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްވާނެ


1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒު އަންނަމަހުގެ 15 ވަނަ ދުވަހުގެ ކުރިން ހާސިލްވާނެކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

1.6 މިލިއަން ފަތުރުވެރިންގެ އަމާޒު އަންނަމަހު 15ގެ ކުރިން ހާސިލުވާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަޤްވާމީގޮތުން ހޯދަމުންދާ ކާމިޔާބީތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ދުނިޔެއަށް ރާއްޖެ އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމުގެ ބުރަ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީންނެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދުގެ ބެއްލެވުމުގެ ދަށުން ކޯވިޑްގެ ހާލަތުގައިވެސް އޮންލައިންކޮށް އަދި ވާޗުއަލްކޮށް އެކިއެކި ފެއަރތަކުގައި ބައިވެރިވެގެން އައު މާކެޓްތަކަށް ރާއްޖެ އިޝްތިހާރުކޮށް، ފަތުރުވެރިން ގެނައުމަށް ކުރި މަސައްކަތުގެ ނަތީޖާ ތަފާސް ހިސާބުތަކުން ދަނީ ފެންނަމުންނެވެ. ކޯވިޑްގެ ކުރިން ވަކި މާކެޓްތަކަކުން އެކަނި ފަތުރުވެރިން އަންނަމުންދިޔަނަމަވެސް، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ހާސް ފަތުރުވެރިންނެއް ދަނީ ރާއްޖެ އަންނަމުންނެވެ. މިއީ އެމްއެމްޕީއާރުސީން ކުރިއަށްގެންދިޔަ ޖޮއިންޓު މާކެޓިންގ ކެމްޕޭންތަކާއި، އައުޓްޑޯ އިޝްތިހާރު ކެމްޕޭންތަކާއި، ފެއަރތަކުގައި ބައިވެރިވުމާއި، ވެބިނާތައް ހޯސްޓްކުރުމާއި، އީ- ލާނިންގ ޕްރޮގްރާމްތަކުގެ ނަތީޖާކަން ކަށަވަރެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުޙައްމަދު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާކަމަށެވެ. އަދި މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ރައީސް އަމާޒު ކަނޑައެޅުއްވި ހިސާބުން އެ އަމާޒު ހާސިލްކުރުމަށް އެމްއެމްޕީއާރުސީން މަސައްކަތް ފެށިކަމަށް ތައްޔިބު ވިދާޅުވިއެވެ.

"ފަތުރުވެރިކަމުގެ ޓާގެޓް ދެއްވަނީ ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަހަރަކު ޕްރެޒިޑެންޝަލް އެޑްރެސްގައި. މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އުންމީދު ކުރައްވާފައި ވިދާޅުވި 1.6 މިލިއަނަށް ވާސިލްވާނެކަމަށް އުންމީދު ކުރަމޭ. އެދުވަހު އެ ވިދާޅުވި ބަސްފުޅަށް އަޅުގަނޑުމެން މަސައްކަތް ފެށީ. އަޅުގަނޑުމެން މަސައްކަތް އަބަދުވެސް ކުރާނީ އެ ލިބޭ ޓާގެޓަކަށް ވުރެ އިތުރަށް މީހުން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަން." ތައްޔިބު ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވަމުން އަންނައިރު ތައްޔިބު ވިދާޅުވީ، 1.6 މިލިއަންގެ އަމާޒަށް ހާސިލުކުރެވޭނެކަމަށެވެ. އެގޮތުން ޑިސެމްބަރ 10 އަކާއި 15 އާއި ދޭތެރޭ މި އަމާޒަށް ވާސިލުވެވޭނޭކަމަށް އުންމީދުކުރައްވާކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

"1.6 މިލިއަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހާސިލްވާނެ. އޮކްޓޯބަރ 31 ވަނަ ދުވަހާއި ހަމައަށްވެސް 1.3 މިލިއަން ހަމަވެއްޖެ. ޑިސެމްބަރ 10 އަކާއި 15 އާއި ދޭތެރޭ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެޗީވް ކުރާނަން މި ޓާގެޓް އިނގޭތޯ. އެއީ މިހާރު ދާގޮތުން އަޅުގަނޑުމެން ބަލާއިރު އޮކްޓޯބަރ މަހު އެކަނިވެސް 2019 ވަނަ އަހަރާއި 2021 ވަނަ އަހަރަށްވުރެވެސް ގިނަ އަދަދަކަށް ފަތުރުވެރިން އައިއްސަ މިއޮތީ. އެއީ ގާތްގަނޑަކަށް %8 އިތުރުވުމެއް." ތައްޔިބު ވިދާޅުވިއެވެ.

ތައްޔިބު ވިދާޅުވީ، މި ކާމިޔާބީގެ ފަހަތުގައި ތިބީ ހަމައެކަނި އެމްއެމްޕީއާރުސީ ނޫންކަމަށެވެ. އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ޒިންމާ އުފުލާ ކުންފުންޏަށްވީނަމަވެސް އެ ކުންފުންޏާއިއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރަށް ގިނަ ބަޔަކު މި ކާމިޔާބީގެ ފަހަތުގައި އެބަތިބިކަމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،344،358 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %32.7 އިތުރުވުމެކެވެ. މިދިޔަ އޮކްޓޯބަރ މަހަކީ ރާއްޖެއަށް މިހާތަނަށް އޮކްޓޯބަރ މަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހަކަށްވެސް ވަނީ ވެގެންގޮސްފައެވެ. އެއީ ކޯވިޑްގެ ކުރިން 2019 ވަނަ އަހަރަށްވުރެވެސް އިތުރަށް ފަތުރުވެރިން އައިސްގެންނެވެ.

މިއަހަރުގެ އޮކްޓޯބަރ މަހު ރާއްޖެ އައިސްފައިވަނީ 153،738 ފަތުރުވެރިންނެވެ. ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި އަހަރު 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ރާއްޖެ އައިސްފައިވަނީ 141،928 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %8.3 އިތުރުވުމެކެވެ.

ކޯވިޑަށްފަހު ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރައިގެންދާއިރު، ބައިނަލްއަޤްވާމީގޮތުންވެސް އެކަން ދަނީ ފާހަގަކުރަމުންނެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަޤްބޫލް މަންޒިލްގެ އެވޯޑް ކޯވިޑަށްފަހު ޖެހިޖެހިގެން 2 އަހަރު ރާއްޖެއިން ވަނީ ހޯދާފައެވެ. އަދި މިހާރު މަސައްކަތްކުރަނީ ޖެހިޖެހިގެން 3 ވަނަ ފަހަރަށް އެ އެވޯޑް ހާސިލްކުރުމަށެވެ.