ޚަބަރު

މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން 484.7 މިލިއަން ރުފިޔާ ހޯދައިފި


ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމަށް މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ކުރި މަސައްކަތުން 484.7 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ހާމަކޮށްފިއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި މީރާއިން 478.9 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، %1.2 އިތުރު އަދަދެކެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުއާޓަރުގައި 484،765،776 (ހަތަރު ސަތޭކަ އައްޑިހަ ހަތަރު މިލިއަން ހަތްލައްކަ ފަސްދޮޅަސް ފަސް ހާސް ހަތްސަތޭކަ ހަތްދިހަ ހައެއް) ރުފިޔާވަނީ ހޯދާފައެވެ.

3 ވަނަ ކުއާޓަރުގެ މާލީ ރިޕޯތުގައި މީރާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާހުރި ފައިސާތައް އެއިދާރާއިން ހޯދާފައިވާގޮތުގެ މަޢުލޫމާތު ހިމަނާފައިވެއެވެ. އެގޮތުން ޑަނިންގް މެދުވެރިކޮށް 367.2 މިލިއަން ރުފިޔާ، ޑިއުޒް ކްލިއަރަންސް މެދުވެރިކޮށް 103.3 މިލިއަން ރުފިޔާ، ރިމައިންޑަރ ކޯލްސް އަދި އީމެއިލްތައް ކޮށްގެން 13.7 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ހާމަކުރެއެވެ. އަދި ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން 414.9 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް އެރިޕޯޓުގައިވެއެވެ.

ތިންވަނަ ކުއާޓަރުގެ ތެރޭގައި ޓެކްސް ބަޔާން ހުށަހަޅާފައި ނުވާތީ 12685 ފަރާތަކަށާއި، ދަޢުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 13600 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ހަވާލުކޮށްފައިވާކަމަށް އެއިދާރައިން މަޢުލޫމާތުދެއެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 134 ފަރާތަކަށް ހަމަޖައްސާދީފައިވާކަމަށް މީރާގެ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ ރިޕޯޓުގައިވެއެވެ.

މީރާއިން އާންމުކޮށްފައިވާ ކުއާޓްލީ ރިވިއު ރިޕޯޓްގައި މިއަހަރުގެ 3 ވަނަ ކުއާޓަރުގެ ނިޔަލަށް ނުލިބި ހުރި ފައިސާތަކުގެ ތަފްސީލުވެސް ހިމަނާފައިވެއެވެ. އެގޮތުން، ޓެކުހުގެ ގޮތުގައި ލިބެންޖެހޭ 3.3 ބިލިއަން ރުފިޔާއާއި އޭގެ ޖޫރިމާއަށް 2.1 ބިލިއަން ރުފިޔާ ނުލިބިވާކަމަށް އެރިޕޯޓްގައިވެއެވެ.

ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ރުފިޔާއާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ރުފިޔާއަކީ ޖުމްލަ 5.5 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު %7.27 އިތުރު އަދަދެކެވެ.

ކުއާޓްލީ ރިޕޯޓުން ދައްކާ ގޮތުގައި، ޓެކްސް ނޫން އާމްދަނީން ނުލިބި 2.9 ބިލިއަން ރުފިޔާ ހުރި އިރު، ޖޫރިމަނާގެ ފައިސާއަށް 6.7 ބިލިއަން އަރާފައިވެއެވެ. މިއާއެކު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށް މީރާއިންވަނީ ހާމަކޮށްފައެވެ.

ކޯޓު މެދުވެރިކޮށް ފައިސާ ހޯދުމަށް މީރާއިން ކުރަމުންދާ މަސައްކަތުގައި މިއަހަރުގެ 3 ވަނަ ކުއާޓަރުގައި 31 މައްސަލަ ވަނީ މީރާއިން ކޯޓަށް ހުށައަޅާފައެވެ. މީގެތެރެއިން 11 މައްސަލަ މީރާއާ އެއްކޮޅަށް ނިމިފައިވާއިރު، 5 މައްސަލަ ވަނީ މީރާއާ ދެކޮޅަށް ނިމިފައެވެ.