ޚަބަރު

ޓެކުހަށް ގެންނަ ބަދަލާއެކު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަވާނެ: ސަރުވަޝް


ޓެކްސްއަށް ގެންނަ ބަދަލާއެކު ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވާ މިންވަރު ކުޑަވާނެކަމަށް ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ބަޖެޓް އެގެޒެކެޓިވް އަޙްމަދު ސަރުވަޝް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ތަރުތީބުކޯށްފައިވާގޮތާއި، އަންނަ އަހަރަށް އިސްކަންދީފައިވާ ކަންކަމަށް އަލިއަޅުއްވާލައްވާ ޕީއެސްއެމް ނިއުސްގެ ބަޖެޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފައިނޭންޝަލް ބަޖެޓް އެގެޒެކެޓިވް އަޙްމަދު ސަރުވަޝް ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމުގެ އަސަރު ރާއްޖެއަށްވެސް ކުރަމުން އަންނަކަމަށެވެ. އެހެންކަމުން އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ޤައުމުގެ ތެރެއިން ޢާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށެވެ. އެގޮތުން މިދަނޑިވަޅުގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަކީ އަޅަންޖެހޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުވަޝް ވިދާޅުވިއެވެ. ޓެކްސްއަށް ބަދަލުގެނައުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، އެއީ މިވަގުތަށް ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ސަރުވަޝް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކަށްވީ ޢާމްދަނީގެ އަމާޒު ހާސިލްކުރުމަށްޓަކައި ކޮންކަހަލަ ބަދަލުތަކެއްތޯ ގެންނާނީ. އެގޮތުން ޓީޖީއެސްޓީ ރޭޓް %12 އިން %16 މި ބަދަލުކުރަނީ. އަދި ޖީއެސްޓީ ރޭޓް %6 އިން %8 އަށް މި ބަދަލުކުރަނީ. އަޅުގަނޑުމެން ކުރިން އަންދާޒާކުރީ ގާތްގަނޑަކަށް 3.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް. ނަމަވެސް މިހާރު ބަޖެޓްގެ އަންދާޒާތަކާއިއެކު އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ 3.8 ބިލިއަން ރުފިޔާ އަރާނެކަމަށް." ޝަރުވަޝް ވިދާޅުވިއެވެ.

ސަރުވަޝް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ކަންކަން މެނޭޖްކުރުމާއި، ރާއްޖޭގެ އިޤްތިސާދު ދެމެހެއްޓުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރުން އެހެނިހެން ސިނާއަތްތަކުގެ ދިރުން އިތުރުކުރަންޖެހޭކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބިނާވެފައިވާ މިންވަރު ކުޑަކޮށް، އެހެން ދާއިރާތަކުން ލިބޭ އާމްދަނީއިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ސަރުވަޝް އަލިއަޅުއްވާލެއްވިއެވެ.

"އަޅުގަނޑުމެންގެ ޢާމްދަނީއާއި ރާއްޖޭގެ އިޤްތިޞާދު މިއޮންނަނީ ވަރަށް ބޮޑަށް ފަތުރުވެރިކަމަށް ބަރޯސާވެފަ. ޓޫރިޒަމް އަށް ޝޮކެއް އަންނައިރަށް އިޤްތިޞާދަށް އޭގެ އިޙްސާސްވާ މިންވަރު ވަރަށް ބޮޑު. އޭގެ މިސާލެއް ކޯވިޑަކީ. ކޯވިޑާއިއެކު ބޯޑަރު ބަންދުކޮށް ޓޫރިސްޓޫން ރާއްޖެއަސް ޒިޔާރަތްކުރި މިންވަރު މަދުވުމުން ރާއްޖޭގެ އިޤްތިޞާދު ތިންބައިކުޅަ އެއްބައި ކުޑަވެގެންދިޔައީ. އެއްވެސް އިޤްތިޞާދަކަށް ފަސޭހަކަމެއް ނޫން ތިންބައިކުޅަަ އެއް ބައި ކުޑަވުމަކީ. މިއާއިއެކު ދައުލަތުގެ ޢާމްދަނީވެސް ތިންބައި ކުޅަ އެއްބައި ކުޑަވީ." ސަރުވަޝް ވިދާޅުވިއެވެ.

ސަރުވަޝް ވިދާޅުވީ އިޤްތިޞާދީގޮތުން އަންނަ ލޮޅުންތަކާއެކު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް ސަރުކާރުން އަޅުއްވާނެކަމަށެވެ. އެގޮތުން ކޯވިޑްގެ ހާލަތުގައިވެސް އެފަދަ ފިޔަވަޅުތައް އަޅައިގެން އިޤްތިޞާދު ހިފެހެއްޓުނުކަން ސަރުވަޝް ފާހަގަކުރެއްވިއެވެ. އަދި ޓެކްސް ބޮޑުކުރަމަކީ ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަވާނެކަމެއްކަމަށްވެސް ސަރުވަޝް ވިދާޅުވިއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން 32 ބިލިއަން ރުފިޔާ ދައުލަތުގެ ޢާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ %70 ހިއްސާކުރަނީ ޓެކްސްއިން ލިބޭ ޢާމްދަނީއެވެ. ސަރުވަޝް ވިދާޅުވީ ޓެކްސްގެ ގޮތުގައި ދައުލަތަށް އަންނަ އަހަރު ލިބޭނެކަމަށް އަންދާޒާކުރަނީ ޖުމްލަ 23.5 ބިލިއަން ރުފިޔާކަމަށެވެ.