ޚަބަރު

މިމަހުގެ ފަތުރުވެރިންގެ އަދަދުތައް ކޯވިޑުގެ ކުރިއާ އަޅާ ބަލާއިރު %10 ކުރީގައި


މިމަހުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު ކޯވިޑުގެ ކުރިން 2019 ވަނަ އަހަރުގެ މި މި މުއްދަތާއި އަޅާ ބަލާއިރު، 10.4 އިންސައްތަ އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ، ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ ފުރަތަމަ 9 ދުވަސްތެރޭ ރާއްޖެއަށް 43687 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 39589 ފަަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 1.38 މިލިއަން ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1.05 މިލިއަން ފަތުރުވެރިންނާއި އަޅާ ބަލާއިރު، 31.5 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1.43 މިލިއަން ފަތުރުވެރިންނާއި އަޅާ ބަލާއިރު، 3.2 އިންސައްތަ ދަށް އަދަދެކެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު:

- ޖެނުއަރީ – 131764 ފަތުރުވެރިން
- ފެބްރުއަރީ – 149008 ފަތުރުވެރިން
- މާރިޗު – 150748 ފަތުރުވެރިން
- އޭޕްރީލް – 145280 ފަތުރުވެރިން
- މެއި – 125522 ފަތުރުވެރިން
- ޖޫން – 110889 ފަތުރުވެރިން
- ޖުލައި – 133561 ފަތުރުވެރިން
- އޮގަސްޓް – 131862 ފަތުރުވެރިން
- ސެޕްޓެމްބަރ – 111986 ފަތުރުވެރިން
- އޮކްޓޯބަރު – 153737 ފަތުރުވެރިން
- ނޮވެމްބަރުމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް – 43687 ފަތުރުވެރިން

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ އަވަށްޓެރި އިންޑިއާއެވެ.

އެގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް، 195015 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 14 އިންސައްތައެވެ. ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، ރަޝިއާއިންއެވެ. އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 170821 ފަތުރުވެރިން އައިސްފައިވާއިރު، 151358 ފަތުރުވެރިންނާއި އެކު 3 ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4854 ފަތުރުވެރިން އާދެއެވެ. ސަރުކާރުންވަނީ މިއަހަރަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅާފައެވެ. އަދި މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، އަންނަމަހުގެ 15 ވަނަ ދުވަހުގެ ކުރިން މި އަމާޒު ހާސިލްވާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.