މިސީޒަންގައި އަލްވަރޭޒްގެ ފުރަތަމަ ލަނޑުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑުން ޕޮއިންޓެއް ހޯދައިފިއެވެ. ޖަރުމަނުގެ ސްޓުޓްގާޓް އަތުން އެތުލެޓިކޯ މެޑްރިޑް ޕޮއިންޓެއް ހޯދީ މެޗުގެ ފަހުބައި ކުޅުންތެރިއަކު މަދުން ކުޅެއެވެ.
ސްޓުޓްގާޓްގެ ދަނޑުގައި 1-1 އިން އެއްވަރުވި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ފުރަތަމަ ހާފުގެ 36 ވަނަ މިނިޓުގައި ސްޓުޓްގާޓުންނެވެ. އެޓީމަށް ކުރިހޯދައިދިނީ ލެވެލިންގއެވެ. އަލްވަރޭޒް އެތުލެޓިކޯ މެޑްރިޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފް ފަށައިގެން 80 ވަނަ ސިކުންތުގައެވެ. މިއީ ބާސެލޯނާ އަށް ބަދަލުވާން މަސައްކަތްކުރި އަލްވަރޭޒް މިސީޒަންގައި ކުލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ވާދަވެރި ބާސެލޯނާއަށް އަލްވަރޭޒް ވިއްކަން އެތުލެޓިކޯ އިން ދެކޮޅު ހެދުމުން އުފެދުނު ނުތަނަވަސްކަމާއެކު އަލްވަރޭޒް ހުރީ ގެއްލިފައެވެ. އޭގެފަހުން އެތުލެޓިކޯ އަށް މައްސަލަ ކުރިމަތިވީ 64 ވަނަ މިނިޓްގައި މޯޓެން ހުލްމަންޑަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. އެއީ އެންޖެލޯ ސްޓިލާ އަށް ކުރި ނުރައްކާތެރި ޗެލެންޖަކަށް ދެއްކި ރަތްކާޑެކެވެ.
މުބާރާތުގައި މިމެޗުގެ ކުރިން ސްޓްޓްގާޓް ވަނީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައެވެ. އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްވެސް ޑޮމިނޭޓް ކުރިއެވެ. ދެވަނަ ހާފްގައި އެތުލެޓިކޯ އިން މެޗުގެ ކޮންޓްރޯލް ނަގަން ފުރުޞަތު ލިބުނު ދަނޑިވަޅުގައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން އެޑްވާންޓޭޖް ނުނެގުނެވެ. 26 މިނިޓް އެތުލެޓިކޯ އިން ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ.