ޚަބަރު

ދައުލަތުގެ އާމްދަނީ މިދިޔަ އަހަރަށްވުރެ 5.8 ބިލިއަން އިތުރު


މިއަހަރުގެ މިހާތަނަށް، ދަޢުލަތަށް ލިބުނު ޢާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 5.8 ބިލިއަން އިތުރުވެއްޖެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ފިނޭންސް މިނިސްޓްރީން މިހެން ހާމަކުރައްވާފައިވަނީ ދައުލަތުގެ ޚަރަދުތަކާއި ޢާމްދަނީގެ ތަފްސީލް ހިއްސާކޮށް އެއިދާރައިން ކޮންމެ ހަފްތާއަކު ނެރޭ މާލީ ތަފާސް ހިސާބުތަކުގައެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ އެކަކުން އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތަށް 22.2 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 16.4 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު، 5.8 ބިލިއަން ރުފިޔާގެ އިތުރު ޢަދަދެކެވެ.

ދަޢުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓެކުހުން ލިބޭ ޢާމްދަނީއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް، ޓެކްސް ޢާމްދަނީގެ ގޮތުގައި 16.04 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 11.7 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 36.7 އިންސައްތަ އިތުރު އަދެދެކެވެ.

ޓެކުހުން ލިބޭ ޢާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ފިނޭންގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މިހާތަނަށް ބީޕީޓީގެ ގޮތުގައި 4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިމުއްދަތުގައި 7.8 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެއިދާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ދައުލަތަށް ލިބޭ ޢާމްދަނީގެ ދެން އެންމެ ބޮޑުބައެއް ހިއްސާވަނީ ޓެކްސް ނޫން ގޮތްގޮތުން ލިބޭ ޢާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނެނީ އެއަރޕޯޓު ޑިވެލޮޕްމަންޓު ފީ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ ޑިވިޑެންޓާއި، ޕްރޮޕަރޓީ އިންކަމް ފަދަ އާމްދަނީތަކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސް ނޫން ޢާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް 6.09 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ދައުލަތަށް ލިބޭ ޢާމްދަނީ އިތުރުވެފައިވާއިރު، ސަރުކާރުން ހިންގާ މަޝްރޫޢުތައް އިތުރުވެ، ދައުލަތުން ކޮށްފައިވާ ޚަރަދުވެސް ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައެވެ. މިއަހަރުގެ މިމުއްދަތުގައި ދަޢުލަތުގެ ބަޖެޓުން 30.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު،، މިދިޔަ އަހަރުގެ މިމުއްދަތުގައި ދަޢުލަތުން ހޭދަކޮށްފައިވަނީ 16.4 ބިލިއަން ރުފިޔާއެވެ.

ދައުލަތުން ކުރާ ހަރަދުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރިކަރެންޓް ޚަރަދާއި ކެޕިޓަލް ޚަރަދުތަކެވެ.

ރިކަރެންޓް ޚަރަދުތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ މުސާރަ ދިނުމުގެ ބައިނެންނެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގައި 8.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރު މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގައި 8.3 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 7.2 އިންސައްތަ އިތުރު އަދަދެކެވެ.

ކެޕިޓަލް ޚަރަދުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހޭދަވެފައިވަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހޭދަކުރާ ޚަރަދުތަކެވެ. ކޯވިޑް-19 ގެ ސަބަބުން މަޑުޖެހުނު އަދި ފަސްކުރެވުނު މަސައްކަތްތައް ސަރުކާރުން މިއަހަރު އަލުން ފެށުމާއިއެކު މިދާއިރާގެ ޚަރަދުތައް ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް މަޝްރޫޢުތަކަށް މުޅި ޖުމްލަ ހޭދަކޮށްފައިވަނީ 8.2 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި 6.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 20.5 އިންސައްތަ އިތުރު ޢަދަދެކެވެ. އެގޮތުން އިމާރާތް ކުރުމުގެ މަޝްރޫޢުތަކަށް 5.8 ބިލިއަން ރުފިޔާ މިއަހަރު ވަނީ ހޭދަކޮށްފައެވެ.

2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19ގެ ކުރީގެ އިޤްތިޞާދުގެ ލެވެލް ފަހަނައަޅައިދާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 32.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މިއީ މިއަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެކެވެ.